06 ނޮވެމްބަރ 2020 - 08:30

އިންޓަނެޝަނަލް ފިލްމުތަކުން ފުރުސަތުތައް ހޯދުމުގެ ގޮތުން މި އަހަރުގެ ކުރީކޮޅު ހޮލީވުޑްގެ އެޖެންސީއަކާ އެކު ސޮއިކުރި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ފިލްމަކަށް އޮޑިޝަން ހަދައިފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޑެޑްލެއިނުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، ހޮލީވުޑްގެ މަޝްހޫރު ޓެލެންޓް އެޖެންސީ ގާޝް އެޖެންސީއާ އެކު އެއްބަސްވުން ހެދި އެކްޓަރުގެ މަސައްކަތްތައް އިންޑިއާގައި މެނޭޖްކުރަނީ އިންޑިއާގެ މަޝްހޫރު ޓެލެންޖް އެޖެންސީ ކްވާން އިންނެވެ. އަދި ރިތިކްގެ ކަންކަން މެނޭޖްކުރުމުގައި ހަރަކާތްތެރިވާނީ އިންޑިއާގެ މެނޭޖަރު އަމްރިތާ ސެން އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ރިތިކް މުމްބާއީގައި ހުރެގެން އޮޑިޝަން ހެދީ ހޮލީވުޑްގެ ބޮޑު ސްޓޫޑިއޯއަކުން ހަދާ ސްޕައި ތުރިލާއަކަށެވެ. ކުރިން އޮތީ މި އަހަރުގެ ތެރޭގައި އޮޑިޝަނަށް ލޮސް އެންޖެލިސް އަށް ދާށެވެ. އެކަމަކު ކޮވިޑް ބަލިމަޑުކަމާ ހެދި އެކަން ނުވީ އެވެ.
ޑެޑްލައިނުން ބުނި ގޮތުގައި ރިތިކްގެ އޮޑިޝަން ޓޭޕްތައް ބަލައި، އެކަމާ ގުޅޭ މަޝްވަރާތައް އަންނަނީ ކުރެވެމުންނެވެ. އަދި ވަރަށް އަވަހަށް އޭނާ ކުޅޭނެ ފުރަތަމަ ހޮލީވުޑް ފިލްމު އިއުލާންކުރުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް މީޑިއާތަކުން ބުންޏެވެ.
ރިތިކްގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ ބައޮގްރަފިކަލް ޑްރާމާ "ސުޕަ 30" އާއި މިދިޔަ އަހަރު ބޮލީވުޑްގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެކްޝަން ތުރިލާ "ވޯ" އެވެ.
އެ ދެ ފިލްމަށް ފަހު، ރިތިކް ކުޅޭނެ ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާގެ ބައްޕަ ރާކޭޝް ރޯޝަން ހަދާ "ކްރިޝް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު ކުރިއަށް އެބައޮތެވެ.