އާމިރު ޚާން "މޮގްލް" ކުޅޭނެކަން ކަށަވަރުކޮށް ދީފި
އާމިރު ޚާން "މޮގްލް" ކުޅޭނެކަން ކަށަވަރުކޮށް ދީފި

އިންޑިއާގެ ވަރުގަދަ މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "މޮގްލް" އެކްޓަރު އާމިރު ޚާން ކުޅޭނެކަން ޕްރޮޑިއުސަރު ބުޝަން ކުމާރު ކަށަވަރުކޮށް ދީފި އެވެ.

ކުރިން އަކްޝޭ ކުމާރު ކުޅޭ ގޮތަށް 2017 ގައި އިއުލާންކުރި މި ފިލްމު ބައެއް ސަބަބުތަކާ ހެދި އޭނާ ދޫކޮށްލުމުން އާމިރު އެ ފިލްމު ކުޅެން އެއްބަސްވި އެވެ. އެކަމަކު "މޮގްލް" ގެ ޑައިރެކްޝަން އޭރު ހަވާލުކުރި ޑައިރެކްޓަރު ސުބާޝް ކަޕޫރްގެ މައްޗަށް ޖިންސީގެ ގޯނާގެ ތުހުމަތު ކުރެވެމުން އެފަދަ މީހަކާ އެކު މަސައްކަތް ނުކުރަން ނިންމައި އޭނށާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ. ނަމަވެސް ފަހުން ސުބާޝްއާ އެކު ފިލްމު ނަހަދަން ޓީ ސީރީޒުން ނިންމުން އާމިރު ފިލްމަށް އަލުން އެއްބަސްވާނެ ކަމުގެ ސިގްނަލް ވެސް ދިނެވެ.

"މޮގްލް" އާ ބެހޭ އެންމެ ފަހުގެ ވާހަކަތައް ބޮލީވުޑް ހަންގާމާއާ ހިއްސާކުރަމުން ބުޝަން ވަނީ އާމިރު މިހާރު ކުޅެމުން އަންނަ ފިލްމު "ލާލް ސިންގް ޗައްޑާ" ނިންމައިލެވުމުން ފިލްމަށް ވަގުތު ދޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ.

"އުންމީދު ކުރެވެނީ އަންނަ އަހަރުގެ މެދުތެރޭގައި ޝޫޓީން ފެށޭނެ ކަމަށް." ބުޝަން ބުންޏެވެ.

އޭނާ ބުނީ ފިލްމުގެ މިއުޒިކް ހަދާނީ ޕްރިތަމް ކަމަށާއި "މޮގްލް" އަކީ ޓީ ސީރީޒަށް ވަރަށް ވެސް ހާއްސަ ފިލްމެއް ކަމަށެވެ.

"މިއީ ބައްޕަގެ ވާހަކަ ކިޔައިދޭ ފިލްމަކަށްވާތީ އަހަރެމެންނަށް ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ފިލްމެއް މޮގްލް އަކީ." ޓީ ސީރީޒް މިހާރު ހިންގަމުން އަންނަ ބުޝަން ބުންޏެވެ.

އުމުރުން އެންމެ 41 އަހަރުގައި 1997 ގައި މަރައިލި ބުޝަންއަކީ 1980 އާއި 1990 ގެ އަހަރުތަކުގެ ތެރޭގައި ހިންދީ މިއުޒިކް އިންޑަސްޓްރީ އަށް އިންގިބާލެއް ގެނައި މަގުބޫލު އެތައް ލަވަތަކެއްގެ ފަހަތުގައި ހުރި ޕްރޮޑިއުސަރެކެވެ.