ކޭން ޑައިވްކުރެޔޭ ބުނާތީ މޮރީނިއޯ ރުޅިގަދަވެއްޖެ
ކޭން ޑައިވްކުރެޔޭ ބުނާތީ މޮރީނިއޯ ރުޅިގަދަވެއްޖެ

ލަންޑަަން (ނޮވެމްބަރު 5) - ޕެނަލްޓީ ހޯދަން އޭރިއާ ތެރެއިން ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ޑައިވްކޮށް މަކަރުހަދާކަމަށް އިނގިރޭސި މީޑިއާގައި ވާހަކަ ދައްކާތީ ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ރުޅިގަދަވެއްޖެ އެވެ.

ކޭން ޑައިވްކުރެޔޭ ބުނާތީ މޮރީނިއޯ ރުޅިގަދަވެއްޖެ
ކޭން ޑައިވްކުރެޔޭ ބުނާތީ މޮރީނިއޯ ރުޅިގަދަވެއްޖެ

މީގެ ކުރިން ވެސް އިނގިރޭސި ފޯވާޑް ކޭން ޕެނަލްޓީ ހޯދުމުގެ ގޮތުން އޭރިއާ ތެރޭގައި ޑައިވްކުރާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އަނެއްކާ ވެސް އެ ވާހަކަތައް ދައްކަން ފެށީ މި ހަފްތާގައި ޓޮޓެންހަމުން އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން އަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ދިނުމުންނެވެ.

މޮރީނިއޯ ބުނީ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހީކުރީ ކޭން އަށް ކުރި ފައުލަށް ދޭނީ ހިލޭ ޖެހުމެއް ކަމަށެވެ. އެއީ ބްރައިޓަންގެ އެޑަމް ލަލާނާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކޭން އަށް ފައުލުކުރީ އޭރިއާ ރޮނގުކައިރިން ކަމަށްވުމުންނެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ޕެނަލްޓީ ދިނީ ފައުލުކުރީ އޭރިއާ ތެެރެއަށް ވާގޮތަށް ރޮނގުމަތިން ކަމަށް ވުމުންނެވެ. އެ ފައުލު ޕެނަލްޓީ އަކަށްވީ ކޭން ޑައިވް ކުރި ގޮތުން ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ވެސް ވަނީ ބުނެފަ އެވެ.

"ކޭން ބޭނުންވަނީ ގޯލު ޖަހަން. އެކަން ކުރަން އުޅޭއިރު އިދިކޮޅުން ފަައުލު މިކުރަނީ. ކީއްވެ އަބަދު މީޑިއާ އިން އަހަރެމެން ނޫނީ ކޭންގެ ވާހަކަ ދައްކަނީ؟ ހަމަ ވާހަކަ ދައްކަންވީ ލިވަޕޫލް، މެންޗެސްޓާ ޔުނައިޓެޑް ދެން ސިޓީ ގެ ވެސް. އެ ޓީމުތަކުގައި ވެސް އެބަތިބި ވިސްނުން ތޫނުވެފައި ހުށިޔާރުވެގެން މި ގޮތަށް ޕެނަލްޓީ ލިބޭ ކުޅުންތެރިން. މީޑިއާ ހަަަމައެކަނި ޝައުގުވެރި މިވަނީ ކޭންގެ ވާހަކަ ދައްކަން،" ޔޫރޮޕާ ލީގުގައި މިރޭ ލުޑޮގޮރެޓްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ފުޓްބޯޅައިގައި އެކި ވިސްނުމުގެ މީހުން އުޅޭނެ ކަމަށާއި މީގެ މުހިއްމީ އިންސާފުވެރިކޮށް ވާހަކަ ދެއްކުން ކަމަށެވެ. ހަމައެކަނި ވަކި މަގުސަދެއްގައި ވަކި ކަމެއް ހާސިލްކުރަން ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުގައި ކޭންގެ އިތުރުން ޕެނަލްޓީ ހޯދަން ޑައިވްކުރާ ކަމަށް މީޑިއާގައި ދެން ތުހުމަތުކުރާ ކުޅުންތެރިންނަކީ ލެސްޓާ ސިޓީގެ ޖޭމީ ވާޑީ، ލިވަޕޫލްގެ މުހައްމަދު ސަލާހު، ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އަދި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އެވެ.