ރާއްޖެ އިން ބޭރުން މަހުލޫފް ފަރުވާ ހޯދަން ލަފާ ދީފި
ރާއްޖެ އިން ބޭރުން މަހުލޫފް ފަރުވާ ހޯދަން ލަފާ ދީފި

ޖަލަށް ހުކުމް އިއްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު މިއަދު ލަފާ ދީފައިވާ ކަމަށް އާއިލާ އިން ބުނެފި އެވެ.

މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވީ މަހުލޫފްގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަށް ދަށްވަމުން ދާ ކަމަށެވެ. އޭނާ މާލެ ގެނެސް، މިއަދު އެކަނި ވެސް ތިން ޑޮކްޓަރުންނަށް ދައްކަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރު މިއަދު އެބަ އޮތް ލަފާ ދީފައި ބޭރުން ފަރުވާ ހޯދަން. އަދި ފަސޭހަ އިން ޑޮކްޓަރަށް ދެއްކޭނެ ތަނެއްގައި ހުރުމަށް. އޭގެ މާނައަކީ މަހްލޫފްގެ ހާލު ހުރި ގޮތުން އޭނާ މިހާރު ގެއަށް ބަދަލުކުރަން ޖެހެއޭ،" ނަޒޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުގެ ލަފައާ އެކު މަހްލޫފަށް، އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ކަރެކްޝަނަލް ސާވިސްގައި އެދޭނެ އެވެ.

ޖަލުގައި ތިން މަސް ވީއިރު ވެސް، ނަޒޫ ވިދާޅުވި ގޮތުގައި، މަހްލޫފްގެ ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުދެ އެވެ. ހަމާއި ލޮލުގެ ބައްޔަށް ބޭސް ބޭނުންކޮށް، ކަރުގެ މައްސަލައެއްގައި ފިޒިއޮތެރަޕީ ހަދާފައިވާއިރު، އެއީ މަހްލޫފަށް އެކަށީގެންވާ ފަރުވާ ނޫން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

މަހްލޫފާ ދޭތެރޭ ކަންކަން ކުރަމުންދާ ގޮތް އާއިލާ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.

މަހްލޫފް ޖަލަށް ހުކުމްކޮށްފައި ވަނީ، މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތްކަން ސާބިތުވެގެންނާއި ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވުމާ ގުޅިގެންނެވެ. ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަސް ދުވަހަށެވެ.