07 ނޮވެމްބަރ 2020 - 08:14

އެކްޓަރު ވިކީ ކޯޝަލް ހިމަނައިގެން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދަން ނިންމާފައިވާ ޑައިރެކްޓަރު ވިކޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ގެ އާ ފިލްމުގެ ބަތަލުގެ ރޯލު ކުޅެން ކުރިން ލިބުނީ ވަރުން ދަވަން އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ނަން އަދި އިއުލާންނުކުރާ އެ ފިލްމު ވަރުން ގަބޫލުނުކުރީ ދީނީ ކަމަކާ ފިލްމުގެ ޕްލޮޓް ގުޅިފައި އޮތުމުން، އެފަދަ ފިލްމެއްގައި ހިއްސާވެގެން، މައްސަލަތަކެއް ދިމާވެދާނެތީ އެވެ. "ދޫމް 3" އާއި "ތަގްސް އޮފް ހިންދުސްތާން" ގެ ޑައިރެކްޓަރު ވިކްޓާ ހަދާ ފިލްމުގެ ވާހަކަ އެނބުރޭނީ އެކި ދީންތަކުގެ މީހުންގެ މެދުގައި އޮންނަން ޖެހޭ ގުޅުންތަކުގެ ވަށައިގެންނެވެ. އިންޑިއާ އަކީ ދީނީ މައްސަލަތައް ބޮޑު ގައުމެކެވެ. ހާއްސަކޮށް، މެޖޯރިޓީ އޮންނަ ހިންދޫންނާއި މުސްލިމުންނާ ދެމެދު އަބަދު ވެސް ވަރަށް ބޮޑެތި މައްސަލަތަކެއް ހުރެ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި ވަރުން ފިލްމަށް އެއްބަސް ނުވީ ފިލްމުގެ ޕްލޮޓްގެ ސަބަބުން ފިލްމަށް މައްސަލަތަކެއް ދިމާވެ އޭނާގެ ފޭނުންގެ މެދުގައި ވެސް ހާޖާނުގަނޑެއް އުފެދުނަ ނުދިނުމުގެ ގޮތުންނެވެ.
ވިކްޓާގެ ފިލްމު ވަރުން ދޫކޮށްލި އިރު، އޭނާ ވަނީ 2018 ގައި ވައިއާރްއެފްގެ ފިލްމެއް ކުޅެފަ އެވެ. އެއީ އަނުޝްކާ ޝަރުމާއާ އެކު ކުޅުނު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ. އެ ސްޓޫޑިއޯ އިން ލިބުނު ދެވަނަ ފިލްމު ވަރުން ދޫކޮށްލީ ވިކްޓާ އާއި ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާއާ ވެސް ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހު ކަމަށް މީޑިއާތަކުން ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ވިކްޓާގެ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މިއީ ދީނީ ޕްލޮޓެއް އޮތް ފިލްމަކަށް ވިޔަސް، އޭތި ގެނެސްދޭނީ ލައިޓް-ހާޓެޑް ކޮމެޑީއެއްގެ ގޮތުގަ އެވެ. މީގެ ބަތަލާ އަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ.
ވަރުންގެ އަތުގައި މިހާރު ވެސް ފުލުފުލުގައި ޝޫޓިން ފަށަން އޮތް ހަތަރު ފިލްމެއް އެބައޮތެވެ. ރާޖް މެހެތާގެ ރޮމޭންޓިކް ކޮމެޑީ "ޖުޖް ޖުގް ޖިއޯ" އާއި އަމަރު ކޯޝިކްގެ "ބޭޅިޔާ" އާއި ސްރީރާމް ރަގްވަންގެ ބައޮގްރަފިކަލް ޑްރާމާ "އެއްކީސް" ގެ އިތުރުން ސާޖިދު ނަދިއަދްވާލާގެ "ސާންކީ" އެވެ.
ވަރުން ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ "ކޫލީ ނަމްބަރު 1" އިންނެވެ.