05 ނޮވެމްބަރ 2020 - 02:47

ވޮޝިންޓަން (ނޮވެމްބަރު 5) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރުމުގެ ފުރުސަތު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ބޮޑުކޮށްފައިވާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ވޯޓުގައި އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ޝަކުވާ ކުރައްވައި، ބައެއް ސްޓޭޓްތަކުގެ ވޯޓު އަލުން ގުނުމަށް ޑިމާންޑް ކުރައްވަމުންނެވެ.
އިންތިޚާބުގައި ވޯޓުލާ ނިމުނުތާ 12 ގަޑިއިރުވީ އިރު ވެސް ކާމިޔާބުކުރި ކެންޑިޑޭޓެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް ވިސްކޮންސިންގެ 98 ޕަސެންޓް ވޯޓު ގުނާ ނިމުނުއިރު ބައިޑަން، 77، އުޅުއްވަނީ އެ ސްޓޭޓުން 20،000 ވޯޓު ކުރީގަ އެވެ. އިލެކްޓޯރަލް ކޮލެޖް 10 ވޯޓު ހިމެނޭ ވިސްކޮންސިން 2016 ވަނަ އަހަރު ޓްރަމްޕް ކާމިޔާބު ކުރައްވާފައި ވަނީ ވެސް 20،000 ވޯޓުންނެވެ.
އެންމެ ފަހުގެ ނަތީޖާތަކާ އެކު ބައިޑަން އުޅުއްވަނީ 264 އިލެކްޓޯރަލް ވޯޓުން ކުރީގަ އެވެ. އިންތިޚާބު ކާމިޔާބު ކުރަން އެމަނިކުފާނަށް ދެން ބޭނުން ވަނީ ހަ އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. މިޝިގަންގެ ވޯޓުގެ 94 ޕަސެންޓް ގުނާ ނިމުނުއިރު 45،000 ވޯޓުން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ވޭތުވެދިޔަ ފަސް ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކާމިޔާބުކޮށްފައިވާ އެރިޒޯނާ މި ފަހަރު ކާމިޔާބުކޮށްފައި ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް ބައިޑަން އެވެ. މިހާތަނަށް ގުނި ވޯޓުން ބައިޑަން ވަނީ 70 މިލިއަނަށް ވުރެ ގިނަ ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް ރިޔާސީ ކެންޑިޑޭޓަކު އެންމެ ގިނައިން ވޯޓު ހޯއްދެވި ފަހަރެވެ. ބައިޑަން ވަނީ ޖުމްލަ ވޯޓުގެ 50.21 ޕަސެންޓް މިހާތަނަށް ކާމިޔާބު ކުރައްވައިފަ އެވެ.
ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 214 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. ޓްރަމްޕަށް މިހާތަނަށް ލިބިވަޑައިގެންފައި ވަނީ 68,065,815 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ 48.17 ޕަސެންޓެވެ.
ނަތީޖާ ނުލިބި ވަނީ ޖޯޖިއާ، ނެވާޑާ، ނޯތު ކެރޮލީނާ އަދި ޕެންސިލްވޭނިއާ އެވެ.
ޓްރަމްޕުގެ ކޭމްޕުން ވަނީ މިޝިގަންގެ ވޯޓު ގުނުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެދިފަ އެވެ. ޓްރަމްޕް ކޭމްޕުން ބުނެފައި ވަނީ އެ ސްޓޭޓުގެ ވޯޓު ގުނުން އޮބްޒާވް ކުރުމަށް އެކަށީގެންވާ ފުރުސަތު ދީފައި ނުވާ ކަމަށެވެ. މީގެ އިތުރުން ޕެންްސިލްވޭނިއާގެ ވޯޓު ގުނުން ހުއްޓުވުމުގެ އަމުރަކަށް ވެސް އެދޭނެ ކަމަށް ޓްރަމްޕުގެ ކޭމްޕުން ވަނީ ބުނެފަ އެވެ. ވިސްކޮންސިންގެ ވޯޓުގައި އޮޅުންތައް ހުރި ކަމަށް ބުނެ އެ ސްޓޭޓުގެ ވޯޓު އަލުން ގުނުމަށް ވެސް ޓްރަމްޕުގެ ކެމްޕޭން ޓީމުން ވަނީ ޑިމާންޑްކޮށްފަ އެވެ.
އެމެރިކާގެ އިންތިޚާބުގައި މި ފަހަރު 160 މިލިއަން މީހުން ވޯޓުލާފައިވާ ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރޭން 101.1 މިލިއަން މީހުން ވޯޓުލާފައި ވަނީ އާލީ ވޯޓިންގެ ގޮތުގަ އެވެ. އާލީ ވޯޓިންގެ 65.2 މިލިއަން މީހުން ވޯޓުލާފައި ވަނީ ޕޯސްޓުންނެވެ.