01 ނޮވެމްބަރ 2016 - 14:30

ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވިތާ އިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަށް އޭރު ރަސްމީ ހައިސިއްޔަތު ލިބިފައިނުވާތީ އޭނާގެ އިސްތިއުފާ ގަބޫލުނުކުރާ ގޮތަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީގެ ރަޖިސްޓްރާ ޔޫސުފް އަބްދުލްގަފޫރު އިއްޔެ ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް ފޮނުއްވި ސިޓީގައި ވަނީ ރައީސްގެ މަގާމަށް ސިނާން އިންތިހާބުވިކަން ރަސްމީކޮށް އަންގައިފަ އެވެ.
ހޯމް މިނިސްޓްރީގެ ގާނޫނީ ޓީމާ ހަވާލާދެއްވައި ޔޫސުފް މިއަދު ވިދާޅުވީ އިންތިހާބުވާ ފަރާތްތަކަށް ރަސްމީ ހައިސިއްޔަތު ލިބެނީ އިންތިހާބް، ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކުރުމުން ކަމަށާއި އެހެންކަމުން އެރޭ ސިނާން އިސްތިއުފާ ދެއްވިއިރު ރައީސްގެ ހައިސިއްޔަތެއް ލިބިފައިނުވާ ކަމަށެވެ.
"މި މައްސަލަ ބެލި ގާނޫނީ ޓީމުގެ ފަރާތުން ބުނެފައިވަނީ އިންތިހާބުވަމުން އަދި އިސްތިއުފާ ނުދެއްވޭނެ ކަމަށް. ސަބަބަކީ ހިންގާ ކޮމިޓީ އަށް ރަސްމީ ހައިސިއްޔަތު ލިބެނީ އެ އޮންނަ މުއްދަތުގެ ތެރޭގައި ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އެކަމުގެ ލިޔުން ލިބުމުން. އެހެންވީމާ އިސްތިއުފާ ދެވޭނެ ހައިސިއްޔަތެއް ސިނާންގެ ނެތް އޭރަކު. ރަޖިސްޓްރީވުމަށް ފަހު އިސްތިއުދާ ދެއްވަންޏާ ދެއްވޭނީ،" ޔޫސުފް ވިދާޅުވި އެވެ.
ސިނާން އިސްތިއުފާ ދެއްވިކަން އިއުލާންކުރީ، އިންތިހާބީ ޖަލްސާގައި އާއްމު މެމްބަރުންނާއި ނޫސްވެރިންނާ މުހާތަބުކޮށް ދެއްކި ވާހަކައިގަ އެވެ. އެއީ އިންތިހާބީ ޖަލްސާގެ ރަސްމީ އެޖެންޑާގައި ހިމެނޭ ނަމްބަރެކެވެ.
އިންތިހާބީ ކޮމިޓީގެ ޗެއާމަން އިބްރާހިމް އިސްމާއިލް ވިދާޅުވީ އިންތިހާބުގައި ކަން ހިނގި ގޮތް ހިމަނައި މިނިސްޓްރީއަށް ރިޕޯޓް ފޮނުވާފައިވާ ކަމަށާއި އެ ރިޕޯޓުގައި ސިނާން އިސްތިއުފާ ދެއްވިކަން ހިމަނާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެނެއް ނޫން އިސްތިއުފާއާ މެދު ގޮތެއް ނިންމާނީ. އަޅުގަނޑުމެން ކަން ހިނގި ގޮތުގެ ރިޕޯޓް ފޮނުވާނީ. ހޯމް މިނިސްޓްރީން ގޮތެއް ނިންމާނީ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އިންތިހާބުގައި އެކްސްކޯގެ މެޖޯރިޓީ ލިބުނީ ރައީސްގެ މަގާމަށް ސިނާންއާ ވާދަކޮށް ނާކާމިޔާބުވި އަހުމަދު މަމްދޫހު (މަންޑޭ) ގެ ޓީމަށެވެ. ނައިބް ރައީސްގެ މަގާމަށް އިންތިހާބުވީ، މަންޑޭގެ ޓީމުގައި ހިމެނޭ ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު ހަސަން އިސްމާއިލް އެވެ.
އިންތިހާބުވުމަށް ފަހު ވާހަކަދެއްކެވުމަށް ސިނާނަށް ފުރުސަތު ދިނުމުން، ޕޯޑިއަމް ކައިރިއަށް ވަޑައިގެން އޭނާ ވަނީ އިސްތިއުފާ ދެއްވިކަން އިއުލާންކުރައްވައިފަ އެވެ. ސިނާން ވިދާޅުވީ އޭނާ ވާދަކުރީ މަންޑޭއާ ނޫން ކަމަށާއި އޭނާ ވާދަކުރީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ، މަންޑޭ ހޮވުމަށް ޝަވީދު ކެމްޕެއިންކުރި ކަމަށެވެ.
"އަޅުގަނޑު އެއްވެސް އިރެއްގައި މަންޑޭއާ ވާދަނުކުރަން. އޭނާ އަކީ އަޅުގަނޑުގެ ގާތް އަޚެއް. އަޅުގަނޑު ވާދަކުރީ ޝަވީދާ. އަޅުގަނޑު މި ޗެލެންޖާ ކުރިމަތިލީ ވަރަށް ހިތްވަރާ އެކު. އެކަމަކު ނަތީޖާ މިއައީ ހީކުރި ގޮތާ ހިލާފަށް. އަޅުގަނޑު މަސައްކަތްކުރީ އަޅުގަނޑުގެ ޓީމާ އެއްކޮށް އަންނަން. މިކަމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަން އަދި އަޅުގަނޑު މަގާމުން އިސްތިއުފާ ދެން،" ސިނާން ވިދާޅުވި އެވެ.
ސިނާން އިސްތިއުފާ އިއުލާންކުރެއްވުމާ އެކު އޭނާގެ ޓީމުގެ މެމްބަރުންނަށް ވެސް ލިބުނީ ހައިރާންކަމެވެ. އިންތިހާބީ ހޯލުގައި ޓީމުގެ މެމްބަރުން ގިނަ އިރު މަޝްވަރާކުރަން ތިބުމަށް ފަހު ވަނީ ހޯލް ދޫކޮށް ގޮސްފަ އެވެ.
މިކަމާ ބެހޭގޮތުން ސިނާންގެ ބަހެއް ހޯދަން ކުރި މަސައްކަތް މިއަދު ކާމިޔާބެއް ނުވި އެވެ.