04 ނޮވެމްބަރ 2020 - 14:15

ހޯރަފުށި އެއާޕޯޓުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހަށް ނިންމަން މަސައްކަތް ކުރާ ކަމަށް އެމްޓިސީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނީ އެއާޕޯޓުގެ 84 ޕަސެންޓު މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. ރަންވޭގެ 99 ޕަސެންޓު ނިމިފައިވާއިރު ޓާމިނަލް އިމާރާތުގެ 75 ޕަސެންޓާއި ފަޔާ އިމާރާތުގެ 50 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހޯރަފުށި އެއާޕޯޓަކީ މިވަގުތު އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިް އެންމެ މުހިންމު އެއް މަޝްރޫއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައިލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މިއަދު އެ ރަށަށް ޒިޔާރަތް ކުރައްވައިފަ އެވެ.
މިި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.
މީގެ އިތުރުން ޓެކްސީވޭއަކާއި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެ އެވެ.
މަޝްރޫއަށް 198 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެ އެވެ.