މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ހުކުމްކޮށްފި
މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

ކޮވިޑް-19 އާ ގުޅިގެން ރައީސާއި ނައިބު ރައީސާއި ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ރައްޔިތުންގެ މަޖިލީހުން ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ކުރީކޮޮޅުން ފެށިގެން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އާއި އިނާޔަތްތައް މަޖިލީހުން ހަ މަހަށް ކުޑަކުރި އެވެ. ރައީސާއި ނައިބު ރައީސްގެ މުސާރައަކީ ގާނޫނަކުން ކަނޑައަޅާފައިވާ މުސާރައެއް ކަމަށް ވިޔަސް، އެ ދެ މަގާމު މުސާރަ ކުޑަކުރީ ގާނޫނު އިސްލާހު ކުރުމެއް ނެތި އެވެ. އަދި ބައެއް މިނިވަން މުއައްސަސާތަކާ ބެހޭ ގާނޫނުތަކުގައި އެ މުއައްސަސާތަކުގެ ވެރިންގެ ދައުރު މުއްދަތުގެ ތެރޭގައި މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުގެ އެ ނިންމުން ބާތިލް ކުރަން ސިިވިިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ހުށަހެޅުއްވި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނު އޮތްގޮތުން ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ކަމަށެވެ. މުސާރަތައް ކުޑަކުރި މައްސަލައަކީ އެފަދަ މައްސަލައެއް ކަން ހަލީމްގެ ފަރާތުން ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި އަދި އެ މައްސަލައަކީ ވަކިވަކި ފަރުދުންތަކަކާ ގުޅުން ހުރި މައްސަލަތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، އެއީ ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.