04 ނޮވެމްބަރ 2020 - 13:25

ވޮޝިންޓަން (ނޮވެމްބަރު 4) - އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އެމަނިކުފާން ކަމަށާއި ވޯޓާ މެދު ޚިޔާލުތަފާތުވުން އުފެދިފައިވާތީ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ވޯޓު ގުނާ ވެސް އަދި ނުނިމެ އެވެ.
"އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބުކޮށްފިން،" ވައިޓް ހައުސްގެ އީސްޓް ރޫމްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އިންތިޚާބުގެ ނަތީޖާ ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ވޯޓު ވަރަށް ހަމަހަމަކޮށް އަދި މިހާތަނަށް ދައްކާފައިވާ އިރު ޓްރަމްޕް ވިދާޅުވީ ސުޕްރީމް ކޯޓަށް ވަޑައިގެން ވޯޓު ގުނުން ހުއްޓުވުމުގެ އަމުރަކަށް އެދޭނެ ކަމަށެވެ.
މިހާތަނަށް އަށް ސްޓޭޓުގެ ވޯޓުގެ ނަތީޖާ އިއުލާންކޮށްފައި ނުވާ އިރު ބައިޑަން އުޅުއްވަނީ 237 އިލެކްޓޯރަލް ކޮލެޖް ވޯޓުން ކުރީގަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ.