04 ނޮވެމްބަރ 2020 - 11:07

ޑެލަވެއާ (ނޮވެމްބަރު 4) - އެމަނިކުފާން މިހާރު ވަނީ އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަގުމަތީގައި ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
އުފަން ސިޓީ ވިލްމިންޓަންގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ބައިޑަން ވިދާޅުވީ ޕެންސިލްވޭނިއާގެ ވޯޓު އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި މިޝިގަން އާއި ވިސްކޮންސިންގެ ނަތީޖާ އެމަނިކުފާން ކޮޅަށް ބުރަވާނެ ކަމުގެ އުއްމީދު ވެސް ބޮޑު ކަމަށާއި އެހެންވެއްޖެ ނަމަ އިންތިޚާބު ކާމިޔާބު ކުރެވުނީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބައެއް ސްވިންގް ސްޓޭޓްތަކުގެ ނަތީޖާ ނުލިބޭތީ ސަޕޯޓަރުން ކެތްތެރިކަމާ އެކު ތިއްބެވުމަށް ބައިޑަން އެދިވަޑައިގެންނެވި އެވެ.
"އެއްވެސް ވޯޓެއް ގުނާ ނުނިމެނީސް މިކަން އަދި ނުނިމޭނެ،" ބައިޑަން ވިދާޅުވި އެވެ.
އުމުރުން 77 އަހަރުގެ ކުރީގެ ނައިބް ރައީސް ވިދާޅުވީ 2016 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވި އެރިޒޯނާ އެމަނިކުފާނަށް މިފަހަރު ލިބޭނެ ކަމަށެވެ. އެސްޓޭޓުގެ 77 ޕަސެންޓް ގުނާ ނިމުނު އިރު ކުރީގައި އުޅުއްވަނީ ބައިޑަން އެވެ.
މިހާތަނަށް ސާފުކުރި ނަތީޖާތަކުން ބައިޑަން ވަނީ 223 އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 175 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ.