ބައިޑަން، އެމެރިކާގެ އިންތިހާބު ކާމިޔާބުކުރައްވައިފި
ބައިޑަން، އެމެރިކާގެ އިންތިހާބު ކާމިޔާބުކުރައްވައިފި

ވޮޝިންޓަން (ނޮވެމްބަރު 7) - ވާދަވެރި އެމެރިކާގެ ރިޔާސީ އިންތިހާބު، ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރައްވައި، ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަން ދާދި ދެންމެއަކު ކާމިޔާބުކުރައްވައިފި ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ބައިޑަން، އެމެރިކާގެ އިންތިހާބު ކާމިޔާބުކުރައްވައިފި
ބައިޑަން، އެމެރިކާގެ އިންތިހާބު ކާމިޔާބުކުރައްވައިފި

އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖް ވޯޓަށް ވުރެ އިތުރަށް ބައިޑަން ވަނީ ހޯއްދަވައިފަ އެވެ. އޭއެފްޕީ ނިއުސް އެޖެންސީން ބުނެފައި ވަނީ ވާދަވެރި ޕެންސިލްވޭނިއާ ސްޓޭޓުގެ 20 އިލެކްޓޯރަލް ވޯޓާ އެކު އެމެރިކާގެ 46 ވަނަ ރައީސްގެ މަގާމަށް ވަޑައިގަންނަވާ އުމުރުފުޅުން 77 އަހަރުގެ ބައިޑަން ވަނީ 273 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. ފަހުން ނެވާޑާ ކާމިޔާބު ކުރައްވައި އެ ސްޓޭޓުގެ ވޯޓާ އެކު ޖުމްލަ އިލެކްޓޯރަލް ވޯޓުގެ އަދަދު ވަނީ 279 އަށް ބަދަލު ކުރައްވައިފަ އެވެ. ކުރީގެ ނައިބް ރައީސް ބައިޑަން ވަނީ 2016 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓްތައް ކަމަށްވާ މިޝިގަން، ވިސްކޮންސިން މި ފަހަރު ކާމިޔާބު ކުރައްވައިފަ އެވެ. އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެރިޒޯނާގެ ވޯޓު ވެސް ކާމިޔާބު ކުރައްވާނީ ބައިޑަން އެވެ. ބައިޑަން 24 ސްޓޭޓް ކާމިޔާބު ކުރެއްވި އިރު ޓްރަމްޕް ކާމިޔާބު ކުރެއްވީ 23 ސްޓޭޓުގެ ވޯޓެވެ.

ބައިޑަންގެ މި ކާމިޔާބީއާ އެކު ޓްރަމްޕް، 74، ހިމެނެނީ ވޭތުވެދިޔަ 28 އަހަރު ތެރޭ އެއް ދައުރަށް ފަހު އެމެރިކާގެ ރައީސްކަމުގެ މަގާމުން ދުރަށް ވަޑައިގަންނަވާ ފުރަތަމަ ރައީސް އަށެވެ.

ބައިޑަން އާއި އެމަނިކުފާނުގެ ރަނިން މޭޓް ކަމަލާ ހަރިސް ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 74 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. އެމެރިކާގެ ރައީސްކަމުގެ ހުވާ ބައިޑަން ކުރައްވާނީ ޖެނުއަރީ 20 ގަ އެވެ.

އެމެރިކާގެ އިންތިހާބުގެ ނަތީޖާ މި ލިބުނީ، ކުރިން ވެސް ހީކުރި ގޮތަށް، ވޯޓު ގުނުމުގައި ހުރަސްތަކެއް ކުރިމަތިވެ، ހަތަރު ދުވަހުގެ އިންތިޒާރަކަށް ފަހު އެވެ. މިދިޔަ އަންގާރަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ކުރިން ޕޯސްޓް މެދުވެރިކޮށް ވޯޓު ލީ މީހުންގެ ވޯޓުތައް ގުނަން އެތައް ވަގުތެއް ނެގި އެވެ.

ނަތީޖާ ލަސްވުމުގެ މައިގަނޑު ސަބަބަކީ ޕޯސްޓް މެދުވެރިކޮށް ވޯޓު ލީ މީހުންގެ ވޯޓު އެކި ސެންޓަރުތަކަށް އުފުލުމުގައި، ކޮރޯނާވައިރަސްގެ ސަބަބުން ދަތުރުފަތުރަށް އައި ހުއްޓުމާއި، ކޮވިޑް-19އާ ގުޅިގެން އެގޮތަށް ވޯޓު ލީ މީހުންގެ އަދަދު ވެސް މާ މަތިވުމެވެ. އެހެންކަމުން އިންތިހާބުގެ ދުވަސް ކަަމަށްވާ ނޮވެމްބަރު 3ގެ ފަހުން ވެސް ވޯޓު ގުނުމުގެ ހުއްދަ ބައެއް ސްޓޭޓްތަކުގެ ކޯޓުތަކުން އޮތީ ދީފަ އެވެ.

ބައިޑަންއަށް ކާމިޔާބު ލިބިވަޑައިގަތީ، 2016 ގެ އިންތިހާބުގައި ޓްރަމްޕް ކާމިޔާބުކުރެއްވީ ރިޕަބްލިކަން ޕާޓީއަށް ކުރިން މެޖޯރިޓީ ލިބުނު އެތައް ސްޓޭޓެއްގެ ގިނަ މީހުންގެ ވޯޓު ހޯއްދަވައިގެންނެވެ. އެންމެ ފަހު އިންތިހާބުގައި ޕެންސިލްވޭނިއާ ކާމިޔާބުކުރެއްވީ ވެސް ޓްރަމްޕެވެ.

ޕެންސިލްވޭނިއާގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ސްޓޭޓެއް ކަމަށް ކުރިންސުރެ ބަލަމުން އަންނަ ޖޯޖިއާގެ ވޯޓުގައި ވެސް ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. އެ ސްޓޭޓުން އެންމެ ފަހުން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކަށް ވޯޓު ދިނީ 1992 ގައި، ބިލް ކްލިންޓަނަށެވެ.

ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ ޕޯސްޓުން ވޯޓު ކަރުދާސް ލިބުމުގައި ބައެއް ސަރަހައްދުތަކުން ލަސްކުރަނީ އޭނާ ބަލިކުރަން ބޭނުންވާ ވަރަށް ވޯޓު ފޮނުވަންވެގެން ކަމަށެވެ. އެކަމަކު ޕޯސްޓުން ފޮނުވާ ވޯޓު ލީ މީހުންގެ އަދަދު އެހެން އިންތިހާބުތަކަށް ވުރެ މާ މަތިވާނެތީ، އިންތިހާބުގެ ދުވަހަށް އެ ހުރިހާ ވޯޓު ކަރުދާހެއް ބައެއް ސެންޓަރުތަކަށް ނުލިބޭނެކަން، އިންތިހާބުގެ ކުރިން ވެސް އިންތިހާބީ އޮފިޝަލުން ބުނަމުން އަ އެވެ. އަދި އެމެރިކާގެ ޕޯސްޓް އޮފީހުން ވެސް ކުރިން ބުނެފައި ވަނީ ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކާ ހެދި، ޕޯސްޓުން ވޯޓު ފޮނުވަން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ގާނޫނާ އެއްގޮތަށް ހުރި ވޯޓުތައް ގުނާ ނަމަ، އަޅުގަނޑު ވަރަށް ފަސޭހައިން މޮޅުވާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް ބާރު ލިބޭ ހެއްކެއް ނުދައްކަވަ އެވެ.

ޓްރަމްޕް ގަބޫކުރައްވަނީ ޑިމޮކްރެޓިކް ޕާޓީ އާއި މީޑިއާ އަދި ބައެއް ސްޓޭޓްތަކުގެ އިންތިހާބީ އޮފިޝަލުން އޭނާއާ ދެކޮޅަށް ގާނޫނާ ހިލާފު ރޭވުންތައް ރާވައި، މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއީ މިދިޔަ ހަތަރު އަހަރު ވެސް، ރައީސްގެ ވާހަކަ ހުރި ގޮތެވެ.

ގަދަ ބަސް ވިދާޅުވުމާއި ޓްވިޓާގައި ވަރަށް ސީދަލަށް ކޮންމެ މީހަކަށް، ކޮންމެ ކަމަކަށް ވެސް ފާޑުކިޔުއްވަމުން ގެންދެވި އަދި އިންތިހާބުގެ ކުރިން ވެސް، ޕޯސްޓް ވޯޓާ މެދު ޝައްކުތައް އުފެއްދެވި ޓްރަމްޕްގެ ޓީމުން ވަނީ އެތައް މައްސަލައެއް ކޯޓަށް ހުށަހަޅައިފަ އެވެ.

އެމެރިކާގެ އިންތިހާބު ކާމިޔާބުކުރެވޭނީ އިލެކްޓްރޯލް ކޮލެޖް ވޯޓުން އަގުލަބިއްޔަތު ލިބޭ ކެންޑިޑޭޓަކަށެވެ. އިލެކްޓޯރަލް ވޯޓު ބިނާވަނީ އެ ސްޓޭޓެއްގެ އާބާދީއަށެވެ. މީހުން ގިނަ ސްޓޭޓްތަކަށް ލިބޭ އިލެކްޓޯރަލް ވޯޓު ވެސް ގިނަ އެވެ. ކޮންމެ ސްޓޭޓެއްގެ އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރެވޭނީ އެ ސްޓޭޓެއްގެ އާންމުންގެ އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށެވެ.