މަރަޑޯނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފި
މަރަޑޯނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފި

ބީނޯޒް އެރީޒް، އާޖެންޓީނާ (ނޮވެމްބަރު 4) - އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ރޭ ކުއްލި އޮޕަރޭޝަނެއްކޮށްފި އެވެ.

އާޖެންޓީނާގެ ބީނޯޒް އެރީޒްގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއްގައި ރޭ ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށް ޑރ ލިއޮޕޮލްޑޯ ލޮޕޭޒްއާ ހަވާލާދީ އާޖެންޓީނާގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

"މިހާރު ކަންބޮޑުވާންޖެހޭ މާ ބޮޑު ކަމެއް ނެތް. އޮޕަރޭޝަން ކާމިޔާބު. މިހާރު އޭނާ (މަރަޑޯނާ) އޮތީ އޮބްޒަވޭޝަނުގައި،" ޑރ. ލޮޕޭޒް ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު އެންމެ ފުރަތަމަ މަރަޑޯނާގެ ހާލަތު ގޯސްވެގެން ޑޮކްޓަރަށް ދެއްކީ އޭނާ ކޯޗުކޮށްދެމުން އަންނަ އާޖެންޓީނާގެ ކްލަބް ޖިމްނާސިއާ ނިސްބަތްވާ ލަ ޕްލާޓާގައި ހުންނަ ހޮސްޕިޓަލަކަށެވެ. އެ ތަނުގައި ހެދި ސްކޭންތަކުން މަރަޑޯނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރިކަން އެނގުމާ އެކު ވަގުތުން ސްޕެޝަލިސްޓަކަށް ދައްކަން ބީނޯޒް އެރީޒްގެ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދިޔަ އެވެ. އެ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވެ ޑރ ލޮޕޭޒް ނިންމީ މަރަޑޯނާގެ އޮޕަރޭޝަން ކުރާށެެވެ.

މި ހުކުރު ދުވަހު 60 އަހަރު ފުރޭ މަރަޑޯނާ މީގެ ކުރިން ވެސް ވަނީ ސިއްހީ ހާލަތު ގޯސްވެގެން އެކި ކަންކަމަށް ފަރުވާ ހޯދައިފަ އެވެ. އެ ގޮތުން ދެ ފަހަރެއްގެ މަތިން ހާޓްއެޓޭކެއް ޖެހުނުއިރު، ހެޕަޓައިޓިސް އަށް ވަނީ ފަރުވާ ހޯދައިފަ އެވެ. އަދި މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ގޭސްޓްރިކް މައްސަލަތަކުގެ ސަބަބުން ބައިޕާސް ސާޖަރީއެއް ހަދައިފަ އެވެ.

އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަރަޑޯނާގެ ދިރިއުޅުމުގައި އޭނާ މީގެ ކުރިން އުޅެފައި ހުރި ގޮތުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިއަށް އޮތްތަނުގައި ވެސް ކުރިމަތިވާނެކަން އޭނާގެ ޕާސަނަލް ޑޮކްޓަރު މީގެ ދެ އަހަރު ކުރިން ވަނީ އަންގައިފަ އެވެ. މަރަޑޯނާގެ ކެރިއަރުގައި އޭނާ ވަނީ މަނާބޭސް ބޭނުންކުރުމުގެ ސަބަބުން ގިނަ ފަހަރުތަކެއްގައި ފިޔަވަޅު އަޅައިފަ އެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ ކުޅުމުގެ ކެރިއަރުގައި ކާމިޔާބު ނަމަވެސް އޭނާ އަށް ކޯޗިންގައި އެންމެ އެދެވޭ ކާމިޔާބެއް ނުހޯދެ އެވެ.