04 ނޮވެމްބަރ 2020 - 10:18

ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިމިނަތު ޖައިޝާ ޖުނީޒް އާކޮށްފި އެވެ.
ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރަމުން އަންނަ ޖައިޝާ ރެކޯޑް އާ ކުރީ މިދިޔަ މަހު 30 ވަނަ ދުވަހު ހުޅުމާލޭ ސިންތަޓިކް ޓްރެކުގައި ބޭއްވި ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްގައި ވާދަކޮށްގެންނެވެ. އޭނާގެ ޓައިމިން އަކީ 5:06 މިނިޓެވެ. ރެކޯޑް ވެރިފައިކުރީ މިއަދެވެ.
ޖައިޝާ އެންމެ ފުރަތަމަ މި ރެކޯޑް ހެދީ 2018 ވަަނަ އަހަރުގެ އޭޝިއަން ގޭމްސްގެ 1500 މީޓަރު ދުވުމުގެ އިވެންޓުގައި ވާދަކޮށް 5:14 މިނެޓުން ދުވެގެންނެވެ. މި ރެކޯޑް އޭގެ ކުރިން އޮތީ 2010 ވަނަ އަހަރުގެ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި 5:16 މިނެޓުން ދުވި މަރިޔަމް އިނާޔާ ފާރޫގުގެ އަތުގަ އެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ ކުރިއަރަމުން އަންނަ އެއް ދުވުންތެރިޔާ ވަނީ 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނިފަ އެވެ. އަދި 2018 ވަނަ އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި އޭނާ ވަނީ 800 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ޕާސަނަލް ރެކޯޑް ހަދައިފަ އެވެ.
ރާއްޖޭގެ ކާމިޔާބީތަކަށް ބަލާއިރު 2017 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް ޖައިޝާ ވަނީ 800 މީޓަރު ދުވުން، 1500 މީޓަރު ދުވުން އަދި 5000 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ. ޖައިޝާ ވަނީ އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތާއި ގައުމީ މުބާރާތުގައި 800 މީޓަރާއި 1500 މީޓަރުގެ އަންހެން ބައިން ރަން މެޑަލް ވެސް ހޯދައިފަ އެވެ.