ބިގް ބޮސް 14: ކަލަ ގޮވި ކަވީތާ އާއި ފޫހި ނިޝާންތު ގެއިން ނެރެފި
ބިގް ބޮސް 14: ކަލަ ގޮވި ކަވީތާ އާއި ފޫހި ނިޝާންތު ގެއިން ނެރެފި

ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ދައްކާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ފަހުން އިތުރު ދެ ބައިވެރިއަކު ގެއިން ނެރެފި އެވެ.

ޝޯގެ ވަރަށް ކުރީކޮޅު ސާރާ ގުރްޕަލް އާއި ޝެހެޒާދު ޑިއޯލްގެ ދަތުރު ނިންމައިލަން ޖެހިފައި ވާއިރު މި ހަފުތާގައި ޝޯއިން ވަކިވާން ޖެހުނު ދެ ބައިވެރިންނަކީ "ބިގް ބޮސް 14" ފެށި އިރު ފުރުސަތު ލިބުނު ޓީވީ އެކްޓަރު ނިޝާންތު މަލްކާނީ އާއި މީގެ ހަފުތާއެއްހާ ދުވަސްކުރިން ވައިލްޑް ކާޑްގެ ދަށުން ޝޯ އިން ފުރުސަތު ލިބުނު ޓީވީ ބަތަލާ ކަވީތާ ކޯޝިކަށެވެ.

ޒީޓީވީގެ ސިލްސިލާ "ގުއްޑަން-ތުމްސޭ ނަ ހޯ ޕާއެގާ" ކުޅެގެން މަޝްހޫރުވި ނިޝާންތު ފާހަގަވީ "ބިގް ބޮސް" އާ ވަކިވާން ޖެހުނު އިރު، މާ ރަނގަޅު ޕަފޯމަންސެއް ނުދެއްކުނު ފަންނާނެއްގެ ގޮތުގަ އެވެ. އޭނާއާ ޝޯގައި ވާދަކުރާ ގިނަ ބައިވެރިން ވެސް ފާހަގަކޮށްފައިވާ ގޮތުގައި ނިޝާންތަކީ "އެންގްރީ ޔަންގް މޭމް" ގެ ޓެގް އަޅިވައިގެން އުޅުނަސް މާ ބޮޑުކަމެއް އޭނާގެ ފަރާތުން ނުފެންނަ ވަރަށް ފޫހި ލޮނުމަޑު ބައިވެރިއެކެވެ. ޝޯއިން އޭނާ އަށް ވަކިވާން ޖެހުނީ ވެސް ބިގް ބޮސް ގޭގެ "ރެޑް ޒޯން" އަށް ވައްދާފައި ހުއްޓަ އެވެ.

ޓީވީ ސިލްސިލާ "އެފްއައިއާރް" ގައި ޖެހިލުން ކުޑަ ފުލުހެއްގެ ރޯލް ކުޅެގެން މަޝްހޫރު ކަވީތާވެގެން ދިޔައީ "ބިގް ބޮސް" އިން އޭނާ ވަރަށް ހަޑި ސިފައެއް ބެލުންތެރިންނަށް ދައްކައިލި މީހަކަށެވެ. އަދި މިކަމާ ގުޅިގެން މި ހަފުތާގައި ޝޯގެ ހޯސްޓް ސަލްމާން ޚާނާ އެކު ގެނެސްދިން "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްތަކުގައި ޝޯގެ ބައިވެރިން ވެސް ވަނީ ކަވީތާ އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އޭނާ އަށް އޮތް އިހުތިރާމު ވެސް ގެއްލިފައިވާ ކަމަށް ބުނެފަ އެވެ.

ކަވީތާ ވަނީ ޝޯގައި މިހާރު ގޭގެ ކެޕްޓަންގެ މަގާމުގައި ހުރި އިޖާޒް ޚާނަށް ލޮކްޑައުންގެ ތެރޭގައި ކައްކާފައި ކާން ދީ، އޭނާ އަށް އެތައް ގޮތަކުން އެހީވި ކަމަށް ބުނެ ކަލަ ގޮވައި، ޓީވީ ޝޯއެއްގައި ދައްކަން ނުޖެހޭ ކަހަލަ ވަރަށް ޒާތީ ވާހަތަކެއް ދައްކައިފަ އެވެ.

އިޖާޒާ މެދު އޮތް ހިޔްހަމަނުޖެހުމަކާ ހެދި ކަވީތާ ބަންޑުންކޮށްލި ވާހަކަތަކުގެ ތެރޭގައި އިޖާޒަށް އެހީވާނެ މީހަކު ނެތި އުޅެން ޖެހި ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅެނިކޮށް އޭނާ އަށް އެންމެ ބޮޑަށް އެހީވީ ކަވީތާ އާއި އޭނާގެ ފިރިމީހާ ކަމަށް ބުންޏެވެ. އެގޮތުން ލޮކްޑައުންގެ ތެރޭގައި ކުކުޅު ފަދަ ކާނާ ތައްޔާރުކޮށް އެތައް ދުވަހެއް ވަންދެން އިޖާޒަށް އެކުވެރިއެއްގެ ހައިސިއްޔަތުން ކާންދިން ކަމަށާއި އެކަމަކު އެއީ ޝުކުރު ނުކުރާ، އަމިއްލަ އެދުން ބޮޑު މީހެއް ކަމަށް ބުނެ ވާހަކަ ދައްކާފައިވެ އެވެ. ކަވީތާގެ އެފަދަ ވާހަކަތައް މާ މައްޗަށް ދާން ފެށުމުން އެކަން ހުއްޓުވީ ސަލްމާނެވެ.

ކަވީތާ އަށް ޝޯއިން ވަކިވާން ޖެހުނީ މި ސަބަބާ ވެސް ހުރެ ޝޯގެ ބެލުންތެރިންގެ ފަރާތުން ވޯޓް ނުލިބި އެވެ.

"ބިގް ބޮސް 14" ގައި މިހާރު ތިބި ބައިވެރިންނަކީ އަބިނާވް ޝުކްލާ އާއި އަންހެނުން ރުބީނާ ދިލައިކާއި ނިކީ ތަމްބޯލީ އާއި ރާހުލް ވައިދިއާ އާއި ޖާން ކުމާރު ސާނޫ އާއި ޖޭސްމިން ބާސިނާއި ޕަވިތުރަ ޕުނިއާ އާއި އިޖާޒާއި ވައިލްޑް ކާޑުގެ ދަށުން ފުރުސަތު ލިބުނު ނައިގާ ސިންގް އާއި ޝަރުދުލް ޕަންޑިތެވެ.