ކާމިޔާބުކުރާ ކެންޑިޑޭޓެއް އިންތިޚާބު ބާއްވާ ދުވަހު އެނގެންޖެހޭނެ: ޓްރަމްޕް
ކާމިޔާބުކުރާ ކެންޑިޑޭޓެއް އިންތިޚާބު ބާއްވާ ދުވަހު އެނގެންޖެހޭނެ: ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 4) - އިންތިޚާބު ބާއްވާ ދުވަހަށް ވުރެ ފަހުން ގުނާ ވޯޓުތަކާ މެދު ސުވާލު އުފައްދަވައި، އިންތިޚާބުން މޮޅުވާ ކެންޑިޑޭޓެއް ވޯޓުލާ ދުވަހު އެނގެން ޖެހޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ތާރީޚެއް އޮންނަން ޖެހޭނެ. އެ ތާރީޚު ދިމާވެފައި މިވަނީ ނޮވެމްބަރު 3 އަށް،" ވާޖީނިއާގެ ރިޕަބްލިކަން ނޭޝަނަލް ކޮމިޓީ އަށް ކުރެއްވި ޒިޔާރަތެއްގައި ޓްރަމްޕް ވިދާޅުވި އެވެ. "އެހެންވެ ކާމިޔާބު ކުރާ ކެންޑިޑޭޓެއް ނޮވެމްބަރު 3 ގައި އެނގެން ޖެހޭނެ."

ޓްރަމްޕް އެ އިޝާރާތް ކުރައްވާފައި ވަނީ އިންތިޚާބު ބާއްވާތާ ތިން ދުވަސް ފަހުން ވެސް ޕޯސްޓުން ލިބޭ ވޯޓު ގުނާ ގޮތަށް ޕެންސިލްވޭނިއާ އިން ނިންމުމާ ގުޅިގެންނެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން ވެސް އެކަމަށް ހުރަސް އަޅައިފައެއް ނުވެ އެވެ. އެ ގޮތަށް ހަމަޖެއްސީ ކޮރޯނާވައިރަހުގެ ސަބަބުން ޕޯސްޓަލް ޑެލިވަރީ އަށް ދިމާވެފައިވާ ލޮޖިސްޓިކް މައްސަލަތަކުގެ ސަބަބުންނެވެ. ޕޯސްޓަލް ވޯޓިންއާ މެދު ޓްރަމްޕް ވަނީ ކުރިން ވެސް ސުވާލު އުފައްދަވައިފަ އެވެ.

ޕެންސިލްވޭނިއާ އަކީ އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ކަނޑައެޅުމުގައި މުހިންމު ސްވިންގް ސްޓޭޓެކެވެ. ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ އެ ސްޓޭޓަށް އެތައް ފަހަރަކު ވަޑައިގެން ކެމްޕޭން ކުރައްވައިފަ އެވެ.

"މިކަންކަން މާގިނަ ދުވަހަކަށް ނުވަތަ ހަފުތާތަކަށް ލަހެއް ނުކުރެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ. "މުޅި ދުނިޔެ އެދަނީ ބަލަމުން."

އިންތިޚާބު ބޭއްވި ދުވަހުގެ ކުރިން އާލީ ވޯޓިންގެ ގޮތުގައި ވަނީ 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލައިފަ އެވެ. މިއީ 2016 ވަނަ އަހަރު ލީ ވޯޓުގެ 72 ޕަސެންޓެވެ. މީގެ ހަތަރު އަހަރު ކުރިން ބޭއްވި އިންތިޚާބުގައި އާލީ ވޯޓިންގެ ގޮތުގައި ވޯޓުލާފައި ވަނީ 57 މިލިއަން މީހުންނެވެ.