ތިނަދޫ ކައުންސިލުން އިސްލާމިކް މިނިސްޓްރީ އާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި
ތިނަދޫ ކައުންސިލުން އިސްލާމިކް މިނިސްޓްރީ އާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި

ގދ. ތިނަދޫގެ މިސްކިތްތަކާ ގުޅޭ ކަންކަން ކުރުމަށް އިސްލާމިކް މިނިސްޓްރީ އާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މިނިސްޓްރީން އަމަލު ކުރަމުން ނުދާތީ އާއި ފައިސާ ދޫނުކުރާތާ ހަ މަސް ދުވަސްވެފައިވާތީ އެ އެއްބަސްވުން ބާތިލުކުރަން ތިނަދޫ ކައުންސިލުން ފާސްކޮށްފި އެވެ.

ތިނަދޫ ކައުންސިލުން އިސްލާމިކް މިނިސްޓްރީ އާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި
ތިނަދޫ ކައުންސިލުން އިސްލާމިކް މިނިސްޓްރީ އާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި

މިކަމާ ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުމުގެ ދަށުން ކައުންސިލާ ހަވާލުކޮށްފައިވާ ކަންކަން ގަވައިދުން ކުރަމުން ދިޔަ ނަމަވެސް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނާއި ހަތީބުންގެ އުޖޫރަ މިނިސްޓްރީން ނުދޭތީ އާއި މިސްކިތްތަކަށް ބޭނުންވާ ތަކެތި ކްރެޑިޓަށް ނަގައި އެ ތަކެއްޗަށާއި މަރާމާތުކޮށްގެން ދޭން ޖެހޭ ފައިސާ މިނިސްޓްރީން ނުދޭތާ ހަ މަސް ދުވަސްވެފައިވާ ކަމަށެވެ.

"މިސްކިތް ފޮޅައި ސާފު ކުރަން ބޭނުންވާ ތަކެތީގެ ބިލްތަކާއި މިސްކިތްތައް މަރާމާތު ކުރުމުގެ ބިލްތައް ގަވައިދުން މިނިސްޓްރީ އަށް ހުށަހަޅައި، ހުށަހެޅި ތާރީހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ހަ މަސް ދުވަސް ފާއިތުވެފައިވާ އިރު ވެސް ފައިސާ ފޮނުވާފައި ނުވާތީ މިސްކިތްތަކުގެ މުވައްޒަފުންގެ ޝަކުވާތައް ކެނޑިނޭޅި ކައުންސިލަށް އޮހެމުން ދިއުމާއި އުޖޫރަ އަށް މިސްކިތްތަކުގައި މަސައްކަތް ކުރާނެ މީހުން ހޯދަން ދަތިވެފައިވޭ،" ބަޔާނުގައިވެ އެވެ.

އެހެންވެ މިކަންކަން މިހެން ހުރުމާ އެކު އެއްބަސްވުން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބާތިލް ކުރަން ކައުންސިލުން ފާސްކޮށް، މިއަދުން ފެށިގެން މިސްކިތައް ބެލެހެއްޓުމުގެ އެއްވެސް ކަމެއް ތިނަދޫ ކައުންސިލުން ކުރިއަށް ނުގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ކައުންސިލުން އަދި ބުނީ މިނިސްޓްރީން ފައިސާ ނުދޭތީ، މިސްކިތްތަކުގެ ބޭނުމަށް ދަރަންޏަށް ތިނަދޫގެ ފިހާރަތަކުން ނަގާ ތަކެއްޗަށާއި މަރާމާތު ފައިސާ ނުދެއްކޭތީ އެއްވެސް ފިހާރައަކާއި ކޮންޓްރެކްޓް ކުންފުންޏަކުން ވެސް ހިދުމަތް ދިނުން ހުއްޓާލައިފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ތިން މަސް ދުވަސް ދުވަހު ތިނަދޫ މިސްކިތްތައް ފޮޅައި ސާފު ކުރުމާއި ދިއްލުމަށް ބޭނުންވާ އަސާސީ ތަކެތި ތިނަދޫ ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ހޯދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ތިނަދޫ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން މިސްކިތްތަކާ ގުޅޭ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ ނޮވެމްބަރު 17، 2015 ގަ އެވެ. އެގޮތުން މިސްކިތްތަކާ ގުޅޭ 19 ކަމެއް އެއްބަސްވުމުގެ ދަށުން ކައުންސިލާ ހަވާލުކޮށްފައިވެ އެވެ.