އެމެރިކާ އިންތިޚާބު 2020: އާލީ ވޯޓިން 100 މިލިއަނަށް
އެމެރިކާ އިންތިޚާބު 2020: އާލީ ވޯޓިން 100 މިލިއަނަށް

ވޮޝިންޓަން (ނޮވެމްބަރު 3) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރަސްމީކޮށް މިއަދު ވޯޓުލާން ފެށުމުގެ ކުރިން ރެކޯޑް އަދަދެއް ކަމަށްވާ ގާތްގަނޑަކަށް 100 މިލިއަން މީހުން ވޯޓުލާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އެމެރިކާ އިންތިޚާބު 2020: އާލީ ވޯޓިން 100 މިލިއަނަށް
އެމެރިކާ އިންތިޚާބު 2020: އާލީ ވޯޓިން 100 މިލިއަނަށް

ކުރިއަށް އޮތް ހަތަރު އަހަރު އެމެރިކާގެ ވެރިކަމުގައި ބަހައްޓާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގައި ކުރިން ވޯޓުލީ 99.7 މިލިއަން އަކީ އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލީ ޖުމްލަ މީހުންގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައެވެ. ޔޫއެސް އިލެކްޝަންސް ޕްރޮޖެކްޓުން ބުނި ގޮތުގައި ހޯމަ ދުވަހުގެ ރެއާ ހަމައަށް އާލީ ވޯޓިން ނިންމާލިއިރު 35.7 މިލިއަން މީހުން ވަނީ އާލީ ވޯޓިންގައި ވޯޓު ފޮށިތަކުގެ ކައިރިއަށް ގޮސް ވޯޓުލައިފަ އެވެ. އިތުރު 63.9 މިލިއަން މީހުން ވޯޓުލާފައި ވަނީ ޕޯސްޓް މެދުވެރިކޮށެވެ. އާލީ ވޯޓިން އަށް މި ފަހަރު ތަރުހީބު ބޮޑުވެފައި ވަނީ އެމެރިކާގައި ހަލުއިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19އާ ހެދި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ދާން ބޭނުންނުވާތީ އެވެ.

ނަމްބަރުތައް ދައްކާ ގޮތުން 2016 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލީ 139 މިލިއަން މީހުންގެ ރެކޯޑް މި ފަހަރު މުގުރާލާނެ އެވެ. ޓެކްސަސް އާއި ހަވާއީގައި މިހާރު ވެސް ވަނީ 2016 ވަނަ އަހަރަށް ވުރެ ގިނަ މީހުން ވޯޓުލައިފަ އެވެ. ބެޓްލްގްރައިންޑް ސްޓޭޓްތައް ކަމަށްވާ ނޯތު ކެރޮލީނާ، ޖޯޖިއާ އަދި ފްލޮރިޑާގައި ވަނީ އެންމެ ފަހުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 90 ޕަސެންޓާ އެއްވަރުގެ އަދަދަކަށް ވޯޓުލައިފަ އެވެ.

އިލެކްޝަން ޕްރޮޖެކްޓުން ލަފާކޮށްފައިވާ ގޮތުގައި 20 ސްޓޭޓެއްގައި އާލީ ވޯޓިންގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ 45 ޕަސެންޓަކީ ޑިމޮކްރެޓިކުންނެވެ. ރިޕަބްލިކަން ޕާޓީން ރަޖިސްޓްރީކޮށްފައި ވަނީ 31 ޕަސެންޓެވެ. ވަކި ޕާޓީއަކާ ގުޅިފައި ނުވާ މީހުންގެ ޕަސެންޓޭޖަކީ 24 އެވެ. އެހެންމެ ޑިމޮކްރެޓިކުން އުއްމީދު ކުރަނީ އާލީ ވޯޓިންގައި ގިނަ ސްޓޭޓްތަކުން އެ ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން އަށް އަޣުލަބިއްޔަތު ލިބޭނެ ކަމަށެވެ. ޚިޔާލު ހޯދުމުގެ ހުރިހާ ވޯޓުތަކަކުން ވެސް ދައްކަނީ ޑޮނަލްޑް ޓްރަމްޕަށް ވުރެ ބައިޑަން ކުރީގައި އުޅުއްވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އާދަކާދައިގެ މަތިން ކޮންމެ ފަހަރަކު ވެސް އެންމެ ފުރަތަމަ ވޯޓުލާ ނިއު ހެމްޝަޔާގެ ކުޑަކުޑަ އަވަށަކުން ވޯޓުލީ ފަސް މީހުންގެ ވޯޓު ވެސް ލިބިފައި ވަނީ ބައިޑަން އަށެވެ. ސްޓޭޓްތަކުގެ ވޯޓުލުން ފަށާފައި ވަނީ ވާމޮންޓް އިން މިއަދު މެންދުރު ފަހު ރާއްޖޭ ގަޑިން 3 ޖެހިއިރު އެވެ. އަންގާރަ ދުވަހު ފުރަތަމަ ވޯޓުލާ ސްޓޭޓްތަކުގެ ތެރޭގައި ބެޓްލްގްރައުންޓް ސްޓޭޓްތައް ކަމަށްވާ ނޯތު ކެރޮލީނާ، އޮހާޔޯ އަދި ފްލޮރިޑާ، ޕެންސިލްވޭނިއާ، ޖޯޖިއާ، މިޝިގަން، ވިސްކޮންސިން އަދި އެރިޒޯނާ ހިމެނެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާ ފަރާތަކުން، 538 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ތެރޭން މަދުވެގެން 270 ވޯޓު ކާމިޔާބު ކުރަން ޖެހެ އެވެ.