03 ނޮވެމްބަރ 2020 - 18:56

"ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު ކަމުގެ ތުހުމަތަށް އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ފައިސާތައް ފޭރިގަންނަން އުޅުނު މައްސަލައިގައި މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މިއަދު ހައްޔަރު ކުރި ތިން މީހުންނާ އެކު އަދަދު ހަތަކަށް އެރީ އެވެ.
ފުލުހުން ބުނިގޮތުގައި މިއަދު ހައްޔަރު ކުރީ 20 އަހަރާއި 21 އަހަރާއި 30 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ. މި އެންމެންނަކީ ވެސް ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މި މައްސަލައިގައި ކުރިން ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. އެއީ ވ. ޕިންކްވިލާ، އަހުމަދު އަމީރު، 20، އާއި ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު،23، އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު، 22،ގެ އިތުރުން ލ. ގަން، ތުނޑި. ކީމިޔާގެ، އަބުދުﷲ ރާޝިދު، 27، އެވެ.
މި އެންމެން ވެސް ހައްޔަރު ކުރީ އެކި ދުވަސް މަތިން ފުލުހުން ހިންގި އޮޕަރޭޝަންތަކުގަ އެވެ.
ރޫޓް ފިހާރައިން ޖަމާކުރަން ގެންދިޔަ 4.2 މިލިޔަން ރުފިޔާ އަޅާފައިވާ ފޮށި ފޭރިގަނެގެން ގެންދަން މަސައްކަތް ކުރި މީހުން އެކަން ކުރީ ހެލްމެޓް އަޅައި، މޫނު ވެސް ކޮންމެވެސް ވަރަކަށް ނިވާކޮށްގެންނެވެ. ސައިކަލެއްގައި އައިސް މަގުމައްޗަށް މަޑުކުރުމަށް ފަހު، ފިހާރައިގެ ވޭނުގެ ތެރެއިން ނެރެގެން ފައިސާ ފޮށި ގެންދަން މަސައްކަތް ކުރި ވަގުތު އެކަން ހުއްޓުވީ ބީއޯސީގެ ގާޑަކާއި ރޫޓް ފިހާރައިގެ މުވައްޒަފުންނެވެ.
މި ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑާއި ރޫޓުގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ވަނީ ފައިސާގެ ބޮޑު އެހީއެއް ދީފަ އެވެ.