ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ބޭރުގެ މާހިރަކު ރާއްޖެ އަތުވެއްޖެ
ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ބޭރުގެ މާހިރަކު ރާއްޖެ އަތުވެއްޖެ

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ ތަހުގީގަށް، ބޭރުގެ އިންވެސްޓިގޭޓަރަކު ރާއްޖެ އަތުވެއްޖެ އެވެ.

އިންސާފެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މި ތަހުގީގަށް، ބޭރުގެ ކަމާ ގުޅޭ މާހިރަކު ގެނެސްދިނުމަށް، މިދިޔަ ޖުލައި މަހުގެ އޭނާގެ އާއިލާއިން ވަނީ ސަރުކާރުގައި އެދިފަ އެވެ. އަދި އެކަމަށް އިޖާބަދީ، މީގެ ދުވަސްކޮޅެއް ކުރިން މާހިރު ރާއްޖެ ގެނެސްފައިވާކަން އެނގިފައި ވެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އޭނާ މިހާރު އަންނަނީ، ރިލްވާންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ، މަރާލާފައި އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާ ގުޅޭ ރިޔާސީ ކޮމިޝަނާއެކު މަސައްކަތް ކުރަމުންނެވެ. އެކަން އެ ކޮމިޝަނުން ޔަގީން ވެސް ކޮށްދިނެވެ.

"ބޭރުގެ ތަޖުރިބާކާރާއެކު އަޅުގަނޑުމެން މަސައްކަތް ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ،" ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައި، ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވި އެވެ.

އޮގަސްޓް، 2014 ގައި ގެއްލުވާލި ރިލްވާންގެ މައްސަލައިގައި އިންސާފު ނުލިބި ދިގުލައިގެންދާތީ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރިލްވާން ގެއްލުވައިލުމުގައި ބައިވެރިވި އެއްވެސް މީހަކަށް މި ވެރިކަމުގައި މިހާ ހިސާބަށް ވެސް އަދަބެއް ނުދެވި، އިންސާފާ ހަމައަށް ވާސިލް ނުދެވުމުން ބޮޑެތި ފާޑުކިޔުންތަކާއި ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެކަމަކު އޭނާއަށް އިންސާފު ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް ވަނީ، މިދިޔަ އޮގަސްޓުމަހުގެ ތެރޭގައި ވެސް ވިދާޅުވެފަ އެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފަ އެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.