ޝިރުމީނާ ރަހީނުކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ޝިރުމީނާ ރަހީނުކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަން އިއުލާނުކުރި ޝިރުމީނާ އަބޫބަކުރު ރަހީނުކުރި ކަމަށް ޝައްކުކޮށް އެ މައްސަލައިގައި ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

ޝިރުމީނާ ނުފެނުމުން އޭނާ ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދުނީ މިދިޔަ އާދިއްތަ ދުވަހެވެ. ނަމަވެސް އިއްޔެ، އޭނާ ދިރިއުޅޭ ގޭގެ ސިޑިމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ކަމަށް ޝިރުމީނާގެ އާއިލާއިން ބުންޏެވެ. އޭނާ ގެއްލުނީ ބަޔަކު އޭނާ ރަހީނު ކުރުމުން ކަމަށާއި، އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތައް އޭނާގެ ހަށިގަނޑުން ފެންނަން ހުރި ކަމަށް ވެސް އާއިލާ އިން ބުންޏެވެ. އަދި ބިރު ދެއްކުމަށް ފަހު 25،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޝިރުމީނާ އަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ އޭނާއަށް ފަރުވާދޭން އައިޖީއެމްއެޗްގެ އިމަޖަންސީ އަށް ގެންދިޔަ އެވެ. ޝިރުމީނާގެ ލޯ މަތީގައި ޖަހާފައި ހުރި ކަމުގެ ނިޝާން ފެންނަން ހުރި އިރު އޭނާގެ ގައިގެ އެކި ތަންތަނުގައި ވެސް އަނިޔާގެ ނިޝާންތައް ފެންނަން ހުރި ކަމަށް އާއިލާއިން ބުންޏެވެ.