04 ނޮވެމްބަރ 2020 - 08:05

އެޕަލް އިން މި އަހަރު ބާއްވާ ބޮޑު ތިން ވަނަ އިވެންޓް މި މަހުގެ 10 ގައި ބާއްވަން ނިންމައިފި އެވެ.
އިތުރު ތަފުސީލަކަށް ނުގޮސް އެ އިވެންޓްގެ ދައުވަތު ދެނީ "ވަން މޯ ތިންގް" ގެ ގޮތުގަ އެވެ. ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި 10 ގައި ބާއްވާ އިވެންޓްގައި އެޕަލްގެ މެކް ބުކްގެ އެންމެ ފަހުގެ ވާޝަންތަކާ އެކު، އިތުރު އުފެއްދުންތަކެއް ވެސް ދައްކައިލާނެ އެވެ.
އެޕަލް އިން ޖެހިޖެހިގެން ތިން މަހުގައި ހާއްސަ އިވެންޓްތަކެއް ތާވަލުކުރި އިރު، އެންމެ ފަހުން ބޭއްވި އިވެންޓަކީ މިދިޔަ މަހުގެ 13 ގައި އާ އައިފޯން ދައްކައިލި އިވެންޓެވެ. އޭގެ ކުރިން ސެޕްޓެމްބަރުގައި ބޭއްވި އިވެންޓްގައި އެޕަލް ގަޑި އާއި އައިޕެޑްގެ އާ ވާޝަންތަކެއް ދައްކައިލި އެވެ.
މި މަހުގެ 10 ވަނަ ދުވަހު ބާއްވާ އިވެންޓަށް އެޕަލް އިން ދައުވަތު ހުޅުވާލި އިރު، ކޮވިޑް-19 އާ ހެދި މި އަހަރުގެ ހުރިހާ އިވެންޓެއް ވެސް ކުރިއަށް ގެންދަނީ ވާޗުއަލްކޮށެވެ. އެގޮތުން ތިން ވަނަ އިވެންޓް ވެސް އެޕަލްގެ ވެބްސައިޓާއި އެތަނުގެ ޔޫޓިއުބް ޗެނެލުން ލައިވް-ސްޓްރީމްކުރާނެ އެވެ.
ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެޕަލް އިން މި ފަހަރު ދައްކައިލާނެ ކަމަށް ބެލެވޭ އުފެއްފުންތަކުގެ ތެރޭގައި އެޕަލް ސިލިކަން ޗިޕް އެކުލެވޭ މެކްސް އާއި މެކްބުކްގެ އާ ވާޝަނަކާއި 12 އިންޗީގެ މެކްބުކްގެ އާ ވާޝަނެއް ވެސް ހިމެނެ އެވެ.