03 ނޮވެމްބަރ 2020 - 12:38

ނިއު ހެމްޝަޔާ (ނޮވެމްބަރު 3) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށުމުގެ ގޮތުން ނިއު ހެމްޝަޔާ ސްޓޭޓުގެ 12 މީހުންގެ އާބާދީއެއް އޮންނަ ކުޑަކުޑަ އަވަށެއްގައި ވޯޓުލީ ފަސް މީހުންގެ ވޯޓު ވެސް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ލިބިއްޖެ އެވެ.
ޑިކްސްވިލް ނޮޗުގައި ނޮވެމްބަރު 3 ވަނަ ދުވަސް ފެށުމާ އެކު ދަންވަރު ވޯޓުލީ މީހުންގެ ވޯޓު ގުނާ ނަތީޖާ އިއުލާން ކުރަން ނެގީ މަދު މިނިޓްކޮޅެކެވެ. ކެނެޑާގެ ބޯޑަރު ކައިރީގައި، ޖަންގައްޔެއްގެ މެދުގައި އޮންނަ ކުޑަކުޑަ އަވަށަކީ 1960 ވަނަ އަހަރުން ފެށިގެން، އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެންމެ ފުރަތަމަ ވޯޓުލާ އަވަށެވެ. ޖެހިގެން އޮންނަ އެހެން އަވަށެއް ކަމަށްވާ މިލްސްފީލްޑްގައި ވެސް ވަނީ ދަންވަރު ވޯޓުލާން ފަށައިފަ އެވެ. އާދަކާދައިގެ މަތިން އެންމެ ފުރަތަމަ ވޯޓުލާ، އެ ސަރަހައްދުގެ ތިން ވަނަ އަވަށުގައި ރޭގެ ދަންވަރު ވޯޓުލުން ބާއްވައިފައެއް ނުވެ އެވެ. ދަންވަރު ވޯޓުލުން ދުވާލަށް ބަދަލުކުރީ ކޮރޯނާވައިރަހުގެ ސަބަބުންނެވެ.
އެމެރިކާގެ އިރުމަތީގެ ބޮޑެތި ބައެއް ސިޓީތަކުގައި ވޯޓުލާން ފަށާނީ ހެނދުނު 6 ޖަހާއިރު (ރާއްޖޭ ގަޑިން ހަވީރު 4-5އާ ދެމެދު) އެވެ. އޭގެ ފަހުން 50 ސްޓޭޓުގައި ތަފާތު ހަ ވަގުތެއްގައި ވޯޓުލާން ފަށާނެ އެވެ. ވޯޓުލުން އެންމެ ފަހުން ބަންދުކުރާނީ ހުޅަނގަށް އޮންނަ އެލަސްކާގަ އެވެ.