މެސީ އަށް ވުރެ ބާސެލޯނާ ބޮޑުވާނެ: ރިއޭރާ
މެސީ އަށް ވުރެ ބާސެލޯނާ ބޮޑުވާނެ: ރިއޭރާ

ބާސެލޯނާ (ނޮވެމްބަރު 3) - ބާސެލޯނާގެ ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާނުކޮށްފައިވާ ޕެރޭ ރިއޭރާ އެ ކްލަބްގެ ކެޕްޓަން ލިއޮނަލް މެސީ އަށް ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.

މެސީ އަށް ވުރެ ބާސެލޯނާ ބޮޑުވާނެ: ރިއޭރާ
މެސީ އަށް ވުރެ ބާސެލޯނާ ބޮޑުވާނެ: ރިއޭރާ

ބާސެލޯނާގެ ރައީސްކަމުން މިދިޔަ ހަފްތާގައި ޖޯސެފް ބާޓޮމެއު އިސްތިއުފާ ދިންތާ މާގިނަ އިރުތަކެއްނުވެ ބާސެލޯނާގެ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ކުޅުންތެރިޔާ ރިއޭރާ ވަނީ އިއުލާނުކޮށްފަ އެވެ. ޓްރެވަލް އަދި ކެމިކަލް އިންޑަސްޓްރީގައި ވިޔަފާރިވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް ރިއޭރާ އަންނަނީ ބާސެލޯނާގެ އެކި ކަހަލަ ކަންކަމުގައި އޭނާގެ ވިޔަފާރިތަކުގެ ތެރެއިން ކްލަބަށް އިންވެސްޓް ކުރަމުންނެވެ.

ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ރިއޭރާ ވިދާޅުވީ ބާސެލޯނާގެ ތާރީހަކީ އޭނާ އަށް އެންމެ މުހިއްމު ކަންތައް ކަމަށާއި އެއަށް އެހެން އެއްވެސް ކަމަކަށް އިސްކަން ނުދޭނެ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި މެސީ ބާސެލޯނާގައި މަޑުކުރަން ޖެހޭ. އެއީ މެސީ އަށް މުހިއްމުކަމެއް. ބާސެލޯނާގެ ތާރީހަކީ ވަކި ކުޅުންތެރިއަކަށް ވުރެން ކުޑަ އެއްޗެއް ނޫން. އެއީ މެސީ އަށް ވުރެން ބޮޑު އެއްޗެއް. އެހެންވީމަ ކޮންމެ ކުޅުންތެރިއަކު ވެސް އުޅެން ޖެހޭނީ އެކަން ގަބޫލުކޮށްގެން،" ރިއޭރާ ވިދާޅުވި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީ ވަނީ ރަސްމީކޮށް ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ. އެކަމަކު އޭރު އެކަން ހުއްޓުވީ ބާސެލޯނާގެ ބޯޑުންނެވެ. ބާސެލޯނާ ބޯޑުން ނިންމީ މެސީ އަށް ހިލޭ އެހެން ކްލަބަކަށް ނުދެވޭނެ ކަމަށާއި ކޮންޓްރެކްޓްގައި ބުނާ އަދަދަށް ފައިސާ ދޭން ޖެހޭނެ ކަމަށެވެ. ނިންމުން ބަދަލުކޮށް މެސީ ބާސެލޯނާގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ބުނީ އެންމެ ލޯބިވާ ކްލަބް ގޮވައިގެން ކޯޓަށް ދާން ބޭނުންނުވާތީ ކަމަށެވެ.

"މީގައި ގޮތެއް ނިންމާނީ މެސީ. އަހަރެންގެ ނަޒަރުގައި މެސީ ބާސެލޯނާގައި މަޑުކުރާނެ. އެކަމަކު އޭނާ ކްލަބް ދޫކޮށްލަން ނިންމައިފިނަމަ ގަދަކަމުން އެކަމެއް ނުކުރާނަން،" މި ސީޒަނުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި މެސީއާ ބެހޭގޮތުން ރިއޭރާ ބުންޏެވެ.

އަންނަ އަހަރު މާޗް މަހު ބާއްވަން ޝެޑިއުލްކޮށްފައިވާ ބާސެލޯނާ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރެއްވީ ރިއޭރާގެ އިތުރުން ވިކްޓަ ފޮންޓް، ޓޯނީ ފްރެއިޒާ، އަގަސްޓީ ބެނެޑީޓޯ، ޖޯޑީ ފާރޭ އަދި ލުއިސް ފެނާންޑޭޒް އެވެ. އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން މީޑިއާގައި ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް ޔޮއާން ލަޕޯޓާގެ އިތުރުން ޒަވީ ވިލަޔޮއާނާ އަދި އެމިލީ ރޫސާޑް އެވެ.