ގޯހަރް ޚާންގެ ކައިވެނި އަންނަ މަހުގެ 25 ގައި
ގޯހަރް ޚާންގެ ކައިވެނި އަންނަ މަހުގެ 25 ގައި

މަދުމަދުން ފިލްމުތަކުން ފެންނަ ބަތަލާ އަދި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން ހަތެއް ކާމިޔާބުކޮށްފައިވާ ގޯހަރް ޚާން އަންނަ މަހު ކައިވެނިކުރަން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޯހަރާއި ޒައިދު ދަރްބާރު ކައިވެނީގެ ހަފުލާ އޮންނާނީ އަންނަ މަހުގެ 25 ގަ އެވެ. ކުރިން ބައެއް މީޑިއާތަކުން ބުނީ ދެ މީހުންގެ ކައިވެނީގެ ހަފުލާ އޮންނާނީ އަންނަ މަހުގެ 20 ގައި ކަމަށެވެ. ނަމަވެސް ގޯހަރާއި ޒައިދާ ގާތް ބަޔަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނީ ކައިވެނީގެ ހަފުލާ މިހާރު ޑިސެމްބަރު 25 އަށް ތާވަލުކޮށްފައިވާ ކަމަށާއި ދެ ފަރާތުގެ އާއިލާ އިން ވަރަށް ބޮޑަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ޒައިދަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 1999 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި 2002 ގެ "ދޭވްދާސް" ގެ މިއުޒިކް ޑައިރެކްޓަރު އިސްމާއީލް ދަރްބާރްގެ ދަރިއެކެވެ. އިސްމާއީލް ވެސް ދާދި ފަހުން ވަނީ ގޯހަރާއި ޒައިދުގެ ގުޅުމާ ދޭތެރޭ ވަރަށް އުފާކުރާ ކަމަށާއި ގޯހަރަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށް ބުނެފަ އެވެ. ގޯހަރް ބުނެފައިވާ ގޮތުގައި ޒައިދަކީ މިހާތަނަށް އޭނާއާ ދިމާވި އެންމެ ވަފާތެރި އެންމެ ލޯބި މީހާ އެވެ.

ގޯހަރް އެންމެ ފަހުން ފެނިފައި ވަނީ ކަލާޒް ޗެނެލުން މިހާރު ދައްކަމުން އަންނަ "ބިގް ބޮސް 14" އިންނެވެ. އެ ޝޯ މިދިޔަ މަހުގެ ކުރީކޮޅު ފެށި އިރު ބައިވެރިންނާ އެކު ގޯހަރް ވަނީ ގޭގައި 14 ދުވަސް ހޭދަކޮށްފަ އެވެ. އެއީ ކުރިން އެ ޝޯގައި ވާދަކުރި ސީނިއާއެއްގެ ގޮތުންނެވެ. އެގޮތުން ގޯހަރާ އެކު "ތޫފާނީ ސީނީއާސް" ގެ ގޮތުގައި "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ޝުކްލާ އާއި "ބިގް ބޮސް 11" ގައި ވާދަކުރި ހީނާ ޚާން ވެސް ބައިވެރިވި އެވެ.

ގޯހަރް، 37، ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "އިޝަގްޒާދޭ" އާއި "ފީވާ" އާއި "ބޭގަމް ޖާން" ހިމެނެ އެވެ.

ގޯހަރާއި ޒައިދު ކައިވެންޏަށް ތައްޔާރުވަމުން އަންނަ އިރު، ގޯހަރް ވަނީ އޭނާއާ އެކު "ބިގް ބޮސް" ގައި ވާދަކުރި ޓީވީ އެކްޓަރު ކުޝާލް ޓަންޑަނާ ވެސް ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އަދި އެ ގުޅުން އުފެދުނީ ވެސް އެ ޝޯގެ ތެރެއިންނެވެ.