03 ނޮވެމްބަރ 2020 - 08:03

އިންޑިިއާގެ ވެރިރަށް ނިއު ދިއްލީގައި ކާނާ ވިއްކާ ސްޓޯލެއް ހިންގާ ދުވަސްވީ ދެމަފިރިއެއްގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުކޮށް، އެ މީހުންގެ ހިދުމަތް ވީހާ ވެސް ގިނަ ބަޔަކު ހޯދަން އެދުނު ބްލޮގަރެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ދިއްލީގެ މަލްވިޔާ ނަގަރްގައި "ދާދާ ކާ ދާބާ" ގެ ނަމުގައި ސްޓޯލް ހިންގާ ކާންތާ ޕްރަސާދާއި އޭނާގެ އަންހެނުން ބަދާމީގެ ދޭވީގެ ވާހަކަ ގޯރަވް ވަސަން ކިޔާ މީހާ އޭނާގެ ޔޫޓިއުބް ޗެނެލުގައި މިދިޔަ މަހުގެ ކުރީކޮޅު ހިއްސާކުރުމުން އެ މީހުންގެ ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެ، ހިދުމަތް ހޯދަން ދާ މީހުންގެ ކިއޫތައް ވެސް ދިގުވެފައިވެ އެވެ.
ޕްރަސާދުގެ ވިޔަފާރި ކޮވިޑް- 19 ގެ ބަލިމަޑުކަމާ ހެދި ވަރަށް ބޮޑަށް ދަށްވެ، އެކަމުގެ ހިތްދަތިކަމާއި މާޔޫސްކަމުގެ ވާހަކަ އޭނާ ރޮއިރޮއިފައި ކިޔައި ދިނީ ގޯރަވް ވެސް ބައިވެރިވި ވީޑީއޯއެއްގަ އެވެ. އެ ސޯޝަލް ވީޑިއޯ ވައިރަލްވެ، ދިއްލީގެ ވަރަށް ގިނަ ބަޔަކު އެ ދެމަފިރިންގެ އާމްދަނީ ރަނގަޅުކޮށް ދޭން ހިދުމަތް ހޯދަން ދާން ފެށި އެވެ.
ނަމަވެސް ގޯރަވްގެ މައްސަލަ ޕްރަސާދު ފުލުހުންނަށް ހުށަހެޅީ އޭނާގެ ދެމަފިރިންގެ ނަން ބޭނުންކޮށްގެން ނާޖާއީޒު ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކޮށެވެ. ޕްރަސާދު އިންޑިއަން އެކްސްޕްރެސް އަށް ބުނެފައި ވަނީ އެ މީހުންގެ ނަން ބޭނުންކޮށްގެން ގޯރަވް ވަރަށް ގިނަ ތަންތަނުން ފައިސާ ނަގަމުންދާ ކަމަށެވެ. އަދި އެ އެގޮތަށް ލިބުނު ފައިސާގެ ތެރެއިން އެ މީހުންނަށް ދީފައި ވަނީ 200،000 ރުޕީސް (2،688 ޑޮލަރު) ކަމަށް ބުންޏެވެ. ޕްރަސާދު ބުނީ އެކި މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި 200،000 ރުޕީސް އަށް ވުރެ ގިނަ ފައިސާ އެ މީހުންގެ ނަމުގައި އެކި ތަންތަނުން ގޯރަވް ހޯދާފައިވެ އެވެ. އެހެންވެ ދެން އެއްވެސް ބަޔަކު ގޯރަވް އެދިގެން ފައިސާ ނުދިނުމަށް ޕްރަސާދު އާންމުންގެ ކިބައިން އެދިފައިވެ އެވެ.
އެކަމަކު ގޯރަވް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތަށް އިންކާރުކޮށްފަ އެވެ. އޭނާ ބީބީސީ އަށް ބުނީ ޕްރަސާދަށް އެހީވާން ހޯދި ހުރިހާ ފައިސާއެއް ދެމަފިރިންގެ އެކައުންޓަށް ޖަމާކޮށް ދީފައިވާނެ ކަމަށާއި އަމިއްލަ އަށް އެއްވެސް ފައިސާއެއް ބޭނުންނުކުރާ ކަމަށެވެ.
"އަހަރެން އެ މީހުންގެ ވާހަކަ ހިއްސާކުރީ ވެސް އެހީވާން ވައުދުވާނެ ކަމަށް ބުނެ. އަދި އެ މީހުންނަށް އެހީވާން ހޯދި ހުރިހާ ފަންޑެއް ވަނީ ޖަމާކޮށް ދީފައި. އެއްވެސް ފައިސާއެއްގައި އަހަރެން އަމިއްލައަކަށް ނުޖެހެން،" ގޯރަވް ބުންޏެވެ.
މައްސަލަ ފުލުހުންނަށް ހުށަހެޅިކަން ކަށަވަރުކޮށް ދެމުން ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ކަމަށެވެ، އަދި ޕްރަސާދު ހުށަހެޅި މައްސަލައާ ގުޅިގެން ގޯރަވްގެ މައްޗަށް އަދި އެއްވެސް ދައުވާއެއް ނުއުފުލާ ކަމަށް ފުލުހުން ބުންޏެވެ.
ޕްރަސާދާ އަންހެނުން "ދާދާ ކާ ދާބާ" ހިންގަން ފެށީ 1990 ގަ އެވެ. އެތަނުން އާންމުކޮށް ވިއްކަނީ ފަރާޓާ އާއި ބަތާއި ރިހަ ފަދަ ކެއުންތަކެވެ އަދި އެފަދަ ކެއުމެއްގެ އަގަކީ 50 ވަރަކަށް ރުޕީސް (0.70 ޑޮލަރު) އެވެ.