02 ނޮވެމްބަރ 2020 - 15:24

ގެއްލިގެން ފުލުހުން އިއްޔެ އިއުލާންކުރި ޝިރުމީނާ އަބޫބަކުރު ގެއްލުނީ ނޫން ކަމަށާއި އޭނާ ރަހީނުކޮށް ގިނަ އަދަދެއްގެ ފައިސާ ވެސް ފޭރިގެންފައިވާ ކަމަށް، އާއިލާ އިން މިއަދު ބުނެފި އެވެ.
ހޮނިހިރު ދުވަހު މެންދުރުން ފެށިގެން ޝިރުމީނާ، 33،ގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުން ރޭ ވަނީ އޭނާ ހޯދަން އިއުލާންކޮށްފަ އެވެ. އެކަމަކު މިއަދު ހެނދުނު އޭނާ ފެނުނީ، އާއިލާ އިން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި "ގޭ ސިޑި ކައިރިއަށް ވެއްޓިފައި އޮއްވަ" އެވެ.
އާއިލާ އިން ބުނާ ގޮތުގައި އޭނާ މިހާރު އޮތީ އައިޖީއެމްއެޗުގެ އެމަޖެންސީގަ އެވެ.
އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުނީ އޭނާގެ ލޯމައްޗާއި ގައިގެ އެކި ތަންނުގައި އަނިޔާގެ ނިޝާންތައް ވެސް ހުރި ކަމަށެވެ. އަދި އޭނާ އަތުން 25،000ރ ފޭރިގެންފައިވާ ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.
"ލޯ މަތީގައި ވެސް ޖަހާފައި ހުރި ނިޝާން ހުރި، މޫނުމަތި ފަޅާލައި އަތުގައި ކަޓަރު އަޅާފައި ވެސް ހުރި،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރީ."
އާއިލާއިން ބުނިގޮތުގައި ޝިރުމީނާ، ރ. ކިނޮޅަސް، ލަގްޒަރީ، ގެންދަނީ އޭނާގެ ކޮއްކޮއަކާ އެކު އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ. އޭނާ ގެއްލުނު ދުވަހު މެންދުރު އޭނާ ދިޔައީ އެ ފިހާރައަށް މުދާ ގަންނަން ކަމަށާއި އެންމެ ފަހުން ވާހަކަދެއްކީ އޭނާއާ އެކު ވިޔަފާރި ހިންގަން އުޅޭ ކޮއްކޮއާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.
އެކަމަކު އާއިލާއިން ބުނި ގޮތުގައި އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވެ އެވެ. ގެއްލުނު ކަމަށް ބަލައި ފުލުހުންނަށް ރިޕޯޓު ކުރި އިރު ފޯނު ވެސް އޮތީ ނިއްވާލާފައި ކަމަށް، އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ދަންވަރު 1:30 ހާއިރު ފޯނު ހުޅުވީ. ދެން ގުޅީމާ ވެސް ނުނަގާ ފޯނެއް. އަނެއް ދުވަހު މެސެޖު ކޮށްފައި ބުނީ ރައްޓެއްސަކާ އެކީއޭ މިހުރީ، ދާނަމޭ. އެކަމަކު އެއީ އޭނާ ދުވަހަކު ވެސް އުޅޭ ގޮތެއް ނޫން. އެހިސާބުން ވެސް އަޅުގަނޑުމެންނަށް ޝައްކުވި،" އެމީހާ ބުންޏެވެ.
ފުލުހުންނާ ހަވާލާދީ އާއިލާއިން ބުނީ ފޯނުގެ ލޮކޭޝަން ހޯދަން ފުލުހުން މަސައްކަތްކުރި ކަމަށެވެ. އެކަމަކު އެއީ ސީދާ ކޮން ލޮކޭޝަނެއްކަން ޔަގީން ވެފައި ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.
އާއިލާ އިން ބުނާ ގޮތުގައި ޝިރުމީނާއަށް ވީ ގޮތެއް އަދި ވެއްދި ތަނެއް ވެސް ބުނެދޭކަށް މިވަގުތު އޭނާއަކަށް އަދި ނޭނގެ އެވެ. އެކަން ސާފުވާނީ ހާލު ރަނގަޅުވެ، ވާހަކަ ދެއްކޭވަރު ވީމާ ކަމަށް، އާއިލާއިން ބުންޏެވެ.
މި މައްސަލާގައި ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެ އެވެ.