02 ނޮވެމްބަރ 2020 - 14:13

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ޓޫރިސްޓުންނާއި ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ކަރަންޓީން ކުރަން ޚާއްސަ ރިސޯޓެއް ކަނޑައަޅަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ ޓޫރިސްޓުންނާއިި މުވައްޒަފުންގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ ޓޫރިސްޓުންނާއި މުވައްޒަފުން ކަރަންޓީން ކުރަން ޝައުގުވެރިވާ ރިސޯޓްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި ކަރަންޓީން ކުރަން ކަނޑައަޅާނީ މާލެ އަތޮޅު ފިޔަވައި އއ، އދ. އަދި ވ. އަތޮޅުގެ ރިސޯޓެކެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރޭގައި އެ ރިސޯޓެއްގައި މަދުވެގެން 50 އެނދު ހުރުމާއި ތިން މަހަށް ވުރެ ކުރު ނޫން މުއްދަތަކަށް ރިސޯޓް ލިބެން އޮތުމާއި ކަރަންޓީން ކުރާ މީހުންގެ ކެއިންބުއިމާއި ތިބުމުގެ ހުރިހާ ކަމެއް ކުރުމުގެ ގާބިލްކަން ހުރުން ހިމެނެ އެވެ. އޭގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގަވާއިދުތަކަށް ފެތޭ ރިސޯޓަކަށް ވެސް އެތަން ވާން ޖެހެ އެވެ.
ކޮވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ މީހުން ކަރަންޓީން ކުރަން ފެށީ ވެސް ރިސޯޓްތަކުގަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން އޭރު ގިނަ ރިސޯޓްތައް ވެސް ހުރީ ބަންދުކޮށްފަ އެވެ. އަލުން ބޯޑަރު ހުޅުވާލުމުން އޭގެ ތެރެއިން ގިނަ ރިސޯޓްތައް ސަރުކާރުން ވަނީ ދޫކޮށްލައިިފަ އެވެ.