02 ޖޫން 2016 - 09:55

ކޮލަމްބޯ (ޖޫން 2) - ސްރީ ލަންކާގައި ބީޗް ހޮޓަލެއް ރައީސް މައިތުރިޕާލާ ސިރިސޭނާ ރޭ ހުޅުއްވައި ދެއްވުމާ އެކު ބޭއްވި ހަވާ އެރުމުގެ ހަރަކާތްތަކެއް ތެރޭން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެ މަނިކުފާން ރައްކާތެރިކަމުގެ ހިސާބަކަށް ބަދަލު ކުރަން ޖެހުނު ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަމްބަންޓޯޓާގެ ބީޗުގައި ޝަންގްރިލާ އިން ހެދި 300 ކޮޓަރީގެ ހޮޓާ ހުޅުއްވައި ދެއްވުމުގެ ގޮތުން ސިރިސޭނާ ރިބަން ކަނޑާލެއްވުމާ އެކު ހަވާން އަރުވަން ފެށި އެވެ. ހަވާ އަރުވަމުން ދަނިކޮށް ފޭބި އަލިފާނުން ވަނީ ބީޗް ހަޓެއްގެ ފުރާޅުގައި ރޯވެފަ އެވެ.
"އަލިފާނުގެ ހާދިސާ ހިނގުމާ އެކު ރައީސް ސިރިސޭނާ ވަނީ ރައްކާތެރި ކަމުގެ ތަނަކަށް ވަގުތުން ބަދަލުކޮށްފައި. އެކަމަކު ރައީސްގެ ކޮންވޯއީގައި ހިމެނޭ އަލިފާން ނިއްވާ ޓްރަކަކުން ވަނީ ހޮޓަލުގައި ރޯވި އަލިފާން ނިއްވުމުގައި އެހީތެރިކަން ދީފައި،" ސިރިސޭނާގެ ތަރުޖަމާން ދަރުމަސިރީ ބަންޑާރާ ވިދާޅުވި އެވެ.
ހޮޓާ ހުޅުވުން ކަވަރުކުރަމުން ދިޔަ ލަންކާގެ ނޫސްވެރިއެއް ކަމަށްވާ އީސްވަރަން ރަތަނަމް ބުނީ ހަޓުގައި އަލިފާން ރޯވި އިރު ރައީސް ހުންނެވީ އެތަނާ 50 މީޓަރު ދުރުގައި ކަމަށެވެ.
"އަލިފާނުގައި ހަޓު އެކުގައި ވަނީ އަނދާފައި. އަލިފާން ނިއްވާލުމަށް ވެސް ގަޑިއެއްހާ އިރު ހޭދަވި. ހަޓުގައި އަލިފާން ރޯވި ނަމަވެސް ހޮޓަލުގެ މައި އިމާރާތަށް އަލިފާނުގެ އަސަރުކޮށްފައެއް ނުވޭ،" އޭއެފްޕީއާ ވާހަކަ ދައްކަމުން ރަތުނަމް ބުންޏެވެ.
ފުލުހުންގެ އޮފިޝަލަކު ބުނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގެ ތަހްގީގު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ސިރިސޭނާ ބައިވެރިވެވަޑައިގަންނަވާ ގިނަ ހަފުލާތަކުގައި ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ބައެއް ކަންކަން ކުރަމުން ގެންދާ ކަމަށް އޮފިޝަލުން ވަނީ ތުހުމަތުކޮށްފަ އެވެ. --އޭއެފްޕީ