03 ނޮވެމްބަރ 2020 - 08:04

ސްޓޯރަަކަކީ ފުރާނަ އަށް ނުރައްވާ ސިއްހީ ބޮޑު މައްސަލައެކެވެ. އެހެންވެ މިކަމަށް ޗެކަޕްތައް ހަދައި، ޑޮކްޓަރުންގެ އިރުޝާދުތަކާއި ލަފާގެ މައްޗަށް އާންމު ދިރިއުޅުން ބައްޓަންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކަސްރަތުކުރުމާ އެކު ރަނގަޅު ޑައިޓެއް ފޮލޯކުރުމަކީ ވެސް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމެކެވެ. ސްޓްރޯކަކީ ކުއްލިއަކަށް ދިމާވާ މައްސަލައަކަށްވާތީ ހަރަކާތްތެރިކޮށް އުޅުމާއި ދުޅަހެޔޮ ޑައިޓެއް ގެންގުޅުން ފަދަ ކަންކަމުގެ އެހީގައި ސްޓްރޯކަކުން ސަލަމާތްވާން ދުރާލައި މަސައްކަތް ކުރެވިދާނެ އެވެ. މުހިއްމު ކަމަކީ ވަގުތު ފާއިތުވުމުގެ ކުރިން ރައްކާތެރިކަން ހޯދުމެވެ. ރަނގަޅު ލައިފް ސްޓައިލެން ގެންގުޅެވޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކުން ދިފާއުވުމަށް ބާރަކަށް ވާނެ އެވެ.
ސްޓްރޯކްގެ މައިގަނޑު ދެ ބާވަތެއް ޖެހެ އެވެ. އެއީ ހެމަރެޖިކް ސްޓްރޯމާއި އިސްކީމިކް ސްޓްރޯކެވެ. މި ދެ ވައްތަރުގެ ތަފާތަށް ބަލާއިރު އިސްކީމް ސްޓްރޯކަކީ ލޭ ހޮޅިތަކުގައި ލޭގަނޑުވެގެން ދިމާވާ ގޮތެކެވެ. މީގެ ސަބަބުން ސިލުނޑި އަށް ލޭ ސަޕްލައިކޮށްދޭން ހުރަސް އަޅަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ސްޓްރޯކް ޖެހޭ މީހުންގެ 85 ޕަސަންޓަކީ އިސްކީމިކް ސްޓްރޯކެވެ.
ހެމަރެޖިކް ސްޓްރޯކަކީ ސިކުނޑި އަށް ލޭ ދައުރުކޮށްދޭ ހޮޅިތަކަށް މައްސަލަ ދިމާވެ، ހޮޅިތައް ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅުމުން ދިމާވާ ހާލަތެކެވެ.
ސްޓްރޯކަކުން ސަލާމަތްވެވޭނެ އެއް ގޮތަކީ އެކަމުގެ އަލާމާތްތައް ވެސް އެނގިފައި ހުރުމެވެ. އޭރުން އެފަދަ އެއްވެސް ކަމެއް ދިމާވާ ނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަން ވަގުތު ލިބޭނެ އެވެ. އަލާމަތްތަކުގެ ތެރޭގައި މީހާގެ ބެލެންސް ކަޓާ ގޮތްވުން، ފެނުމަށް މައްސަލަ ދިމާވުން، މޫނަށް އެނބުރުން އެރުން، އަތާއި ފައިގައި ހަރަކާތެއް ނެތް ކަމަށް އިހުސާސްވުން (ހާއްސަކޮށް ހަށިގަނޑުގެ އެއް ފަޅީގައި) އަދި ވާހަކަ ދައްކަން އުނދަގޫވުން ހިމެނެ އެވެ.
ސްޓްރޯކެއްގެ އަލާމާތްތައް ފާހަގަ ކުރެވިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ފަރުވާ ހޯދަން އަވަސްވެގެން ޖެހޭނެ އެވެ. އަދި އެންމެ އަވަހަށް ކުރެވޭ އެއް ކަމަކީ އެފްއޭއެސްޓީ (ފޭސް، އާމްސް، ސްޕީޗް، ޓައިމް) އަށް އަމަލުކުރުމެވެ. އެގޮތުން އެ މީހެއްގެ ގާތުގައި ހިނިވުންވާން ބުނުމާއި އޭނާގެ ދެ މައްޗަށް ނެގުމާއި ތަކުރާރުކޮށް ވާހަކަ ދައްކަން ބުނުމާއި (މިސާލަކަށް ލަފުޒެއް ތަކުރާރުކޮށް ކިޔަން ބުނުން) އެކު ވީހާ ވެސް އަވަހަށް ޑޮކްޓަރަކާ ހަމައަށް ދިއުން ހިމެނެ އެވެ. މުހިއްމު އަނެއް ކަމަކީ ވީހާ ވެސް ތަފުސީލުކޮށް ހާލަތު ޑޮކްޓަރަށް ކިޔައި ދިނުމެވެ. އޭރުން ފަރުވާ ދޭން ފަސޭހަވުމާއި އެކު، ފަރުވާ އަވަސް ވެސް ކުރެވޭނެ އެވެ.
ސްޓްރޯކް ބޮޑެތި ސިއްހީ މައްސަލަތަކުގައި އަބަދު ވެސް އެންމެ މުހިއްމު ވާނެ ކަމަކީ ވީހާ ވެސް އަވަހަށް ފަރުވާ ހޯދަން ފެށުމެވެ.
މިއަދުގެ ހާލަތަކަށް ބަލާ އިރު ސްޓްރޯކަކީ މީހުން އެންމެ ގިނައިން މަރުވާ އެއް މައްސަލަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 25 އަހަރުން މަތީގެ ކޮންމެ ހަތަރު މީހުން އެކަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ސްޓްރޯކެއެއް ތަޖުރިބާކުރަން ޖެހުމުގެ ފުރުސަތު އޮތް މީހެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނާގޮތުގައި ކޮންމެ ފަސް ސިކުންތަކުން މީހަކަށް ސްޓްރޯކް ޖެހެ އެވެ. އޭގެ މާނަ އަކީ އަހަރަކު އެވްރެޖްކޮށް، 15 މިލިއަން މީހުންނަށް ސްޓްރޯކް ޖެހެ އޭ އެވެ. މީގެ ތެރެއިން ފަސް މިލިއަނެއްހާ މީހުން މަރުވާ އިރު، ހަމަ އެ އަދަދަށް ސްޓްރޯކްގެ ސަބަބުން ދާއިމީ ނުކުޅެދޭ ހާލަތަކަށް ދެ އެވެ.