ޔޫކޭ ލޮކްޑައުން ކުރިޔަސް އަހަރުގެ ޓާގެޓު ހާސިލްވާނެ: ޑރ. މައުސޫމް
ޔޫކޭ ލޮކްޑައުން ކުރިޔަސް އަހަރުގެ ޓާގެޓު ހާސިލްވާނެ: ޑރ. މައުސޫމް

އެއް މަސް ދުވަހަށް އިނގިރޭސި ވިލާތު ލޮކްޑައުން ކުރި ނަމަވެސް މި އަހަރު އަންނާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ އަދަދަށް ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ތިން މަހެއްހާ ދުވަހަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޖުލައި 15 ގައި އަލުން ހުޅުވި ފަހުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނެ އެވެ. ޖުލައި 15 އިން މިދިޔަ މަހުގެ ނިޔަލަށް އެ ގައުމުން 2،923 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

އެކަމަކު އޭގެ ތެރޭގައި އިނގިރޭސި ވިލާތް ނޫން އެހެން ގައުމުތަކުގައި ދިރިއުޅޭ އިނގިރޭސިން ވެސް ހިމެނެ އެވެ. އެހެންކަމުން އެ ޓޫރިސްޓުންނަކީ ސީދާ އިނގިރޭސި ވިލާތުން އައި ބައެއް ނޫނެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ އަހަރު ނިމޭ އިރު ބައި މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 420،000 ގަ އެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް-19ގެ ކޭސްތައް އަލުން ގިނަވުމާ ގުޅިގެން ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ހަފްތާއަށް ލޮކްޑައުން ކުރާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. މިއާ އެކު ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ކަންކަމުގައި ގައުމުން ބޭރަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.

އިނގިރޭސި ވިލާތް ލޮކްޑައުންއަކަށް މި ދަނީ ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވާން ފަށާފައި އޮތް ދަނޑިވަޅެއްގަ އެވެ. އަދި އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުން އެނބުރި ގައުމަށް ގޮސް ކަރަންޓީންވާން ނުޖެހޭ ގޮތަށް މިދިއަ ހަފުތާގައި ހަމަޖެއްސުމުން، ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ހިތްހަމަޖެހުނެވެ. އެ މީހުން ގަބޫލުކުރި ގޮތުގައި އެއީ ރާއްޖެއަށް އިނގިރޭސި ޓޫރިސްޓުން އަންނަން ހުޅުވުނު ދޮރެކެވެ.

އެކަމަކު އިނގިރޭސި ވިލާތް އަލުން ލޮކްޑައުން ކުރުމަކީ ރަނގަޅުވަމުން އަންނަ ރާއްޖޭގެ ޓޫރިޒަމަށް ކޮންމެވެސް ވަރެއްގެ ނުބައި ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް، ތަޖުރިބާކާރުން ދެކެ އެވެ. ކުރިއަށް އޮތް ދެ މަސް ދުވަހަށް އެ ގައުމުގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ރާއްޖެ އަންނަން ބުކިން ވެސް ހަދައިފަ އެވެ.

ޑރ. މައުސޫމް ލަފާކުރައްވާ ގޮތުގައި އާ ލޮކްޑައުންގެ ސަބަބުން ގާތްގަނޑަކަށް 2،000-4،000 އާ ދެމެދުގެ ބުކިންސް ކެންސަލް ވެދާނެ އެވެ.

އޭނާ ވިދާޅުވީ އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުން ދެން އިތުރުވާނީ ހަތަރު ހަފްތާއަށް ފަހު އެ ގައުމުގެ ލޮކްޑައުނަށް ލުއި ދިނުމުން ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވީ އެހެން ގައުމުތަކުން އަންނަ ޓޫރިސްޓުން އިތުރުވުމުގެ ސަބަބުން މި އަހަރުގެ އަމާޒު ހާސިލްކުރެވޭނެ ކަމަށެވެ.

"ޔޫކޭ ލޮކްޑައުން ކުރީމަ ޓޫރިޒަމަށް އަސަރު ކުރާނެ. ޔޫކޭގައި ރާއްޖެއަށް އޮތް ޑިމާންޑް ބޮޑު. އެކަމަކު އެހެން ގައުމުތަކުގެ ވެސް ޑިމާންޑު ހަމަ ދަނީ އިތުރުވަމުން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑު އަދިވެސް ގަބޫލުކުރަން މި އަހަރުގެ ޓާގެޓާ އެއްވަރަށް ޓޫރިސްޓުން އަންނާނެ ކަމަށް."