02 ނޮވެމްބަރ 2020 - 11:35

ދ. ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަވެ، އިތުރު ދެ މުވައްޒަފަކަށް އެ ބަލި ޖެހިއްޖެކަން ކަށަވަރުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ ރޭ ޓެސްޓުކުރި 33 ސާމްޕަލްގެ ތެރެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. މިހާތަނަށް އެ ރިސޯޓުން 19 މީހަކަށް ކޮވިޑް ވަނީ ޖެހިފަ އެވެ. އެއް ރިސޯޓަކުން މިހާ ގިނަ އަދަދެއްގެ ބަޔަކަށް އަދި ކޮވިޑެއް ނުޖެހެ އެވެ.
މިހާރު ވެސް ޓޫރިސްޓުން ތިބި ރިސޯޓްގައި ކޮވިޑް-19 ފެތުރިފައިވާކަން އެނގުނީ އުމުރުން 60 އަހަރުގެ ދިވެހި މުވައްޒަފަކު ބަލިވެގެން، ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްކުރުމުންނެވެ. އޭނާ ވަނީ ކޮވީޑްގައި މަރުވެފަ އެވެ.
އިއްޔެ ޓެސްޓުކުރި މީހުންގެ ތެރޭގައި ހިމެނެނީ 12 މުވައްޒަފުންނާއި އެ ރިސޯޓުން ފުރާ 21 މީހެކެވެ.
އިއްޔެ އިތުރު 149 ސާމްޕަލް ވަނީ ނަގައިފަ އެވެ. އެ ޓެސްޓުތައް މިރޭ ހަދާނެ ކަމަށް ސެންޓަރުން ބުންޏެވެ.
ކަނޑިންމަ ރިސޯޓު މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
އެޗުއީއޯސީން ބުނީ އެ ރިސޯޓުގައި ތިބި ޓޫރިސްޓުންގެ ތެރެއިން ފުރަން ބޭނުންވާ މީހުންނަށް ގައުމަށް ދެވޭނީ ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައި ނުވާ ނަމަ، ޕީސީއާރު ޓެސްޓު ނެގެޓިވް ވުމުން ކަމަށެވެ.
ކޮވިޑު ޖެހިގެން ކަނޑިންމަ ރިސޯޓުން މަރުވި މީހާ ކުޑަހުވަދު އަށް ގެންދިޔައީ ބަލިވެ އުޅޭތާ ދެ ތިން ދުވަސް ފަހުން ކަމަށްވެ އެވެ. އެ ރިސޯޓުގައި އެ ބަލީގެ އަލާމާތްތައް ހުރި މީހުން ތިބި ކަމުގެ ރިޕޯޓެއް ލިބިގެން ދ. އަތޮޅު ހޮސްޕިޓަލުން އެ ރަށަށް ޓީމެއް ފޮނުވަން އުޅުނު ކަމުގެ އަޑު ވެސް ފެތުރުނެވެ. ނަމަވެސް އެކަމަށް ރިސޯޓުން އޭރު އެއްބާރުލުން ނުދިން ކަމަށް ވެ އެވެ.