އަމްރިތާ ރާއޯ އަށް ފިރިހެން ދަރިއެއް
އަމްރިތާ ރާއޯ އަށް ފިރިހެން ދަރިއެއް

ބޮލީވުޑްގެ ބަތަލާ އަމްރިތާ ރާއޯ އަށް ދަރިއަކު ލިބިއްޖެ އެވެ.

"ވިވާ" އާއި "މޭ ހޫ ނާ" ފަދަ ފިލްމުތައް ކުޅުނު 39 އަހަރުގެ ބަތަލާ އަށް އާދީއްތަ ދުވަހު ލިބުނީ ފިރިހެން ދަރިއެކެވެ. މިކަމާ ގުޅިގެން އަމްރިތާ އާއި ފިރިމީހާ ޑީޖޭ އަންމޯލް ނެރުނު ބަޔާނެއްގައި ބުނީ މިއީ އާއިލާ އަށް ވަރަށް އުފާވެރި ވަގުތެއް ކަމަށެވެ.

އަމްރިތާ އާއި އަންމޯލް ކައިވެނިކުރީ 2016 ގަ އެވެ. އަމްރިތާ ބަލިވެއިންކަން ސިއްރުކޮށްގެން އުޅުމަށް ފަހު، އެ ވާހަކަ ހިއްސާކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެކްޓަރު ޝާހިދު ކަޕޫރާ އެކު 2003 ގައި ބޮލީވުޑަށް ތައާރަފުވި ފިލްމު "އިޝްގް ވިޝްގް" ބަތަލާގެ ރޯލް ކުޅެގެން މަޝްހޫރުވި އަމްރިތާ އަކީ ފަހުން ފަހުން އައިސް ވަރަށް މަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. އޭނާ އެކްޓިން އަށް ނުކުތީ 2002 ގެ "އަބް ކެ ބަރަސް" އިންނެވެ. އަމްރިތާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނަވާޒުއްދީން ސިއްދީގީއާ އެކު ކުޅުނު "ތާކްރީ" އެވެ.

އަމްރިތާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "މަސްތީ" އާއި "ވެލްކަމް ޓު ސައްޖަންޕޫރް" އަދި "ސަތިއަގްރާ" ހިމެނެ އެވެ.