ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން ހަރަދެއްނުކުރާނެ
ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން ހަރަދެއްނުކުރާނެ

މެޑްރިޑް (ނޮވެމްބަރު 2) - ރެއާލް މެޑްރިޑަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ވެސް އެ ޓީމުން އާ ކުޅުންތެރިން ގަންނަން ހަރަދުނުކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން ހަރަދެއްނުކުރާނެ
ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން ހަރަދެއްނުކުރާނެ

މި ސީޒަނުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ހަރަދެއް ނުކުރީ ކޮވިޑް-19ގެ ސަބަބުން ކްލަބްގެ އާމްދަނީ އަށް އަސަރުކޮށްފައިވާތީ އާއި ރެއާލްގެ ދަނޑު ސަންޓިއާގޯ ބާނަބާއު އަލުން މަރާމާތު ކުރަން 600 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ހޭދަ ޖެހިފައި އޮތުމުންނެވެ. މިއީ 1980 އަށްް ފަހު ރެއާލުން އާ ކުޅުންތެރިއަކަށް ހަރަދެއް ނުކޮށް ސީޒަން ފެށި ފުރަތަމަ ފަހަރެވެ.

ރެއާލުން މި ވަގުތު އެ ޓީމުގެ ހޯމް މެޗުތައް ކުޅެނީ ޓްރެއިނިން ކޮމްޕްލެކްސްގައި ހުންނަ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގަ އެވެ. ބާނަބައުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ އަަންނަ ސީޒަނުގެ ފަހުކޮޅަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮވިޑް-19އާ ހެދި ރެއާލްގެ އާމްދަނީ އަށް ކޮށްފައިވާ އަސަރުގެ ސަބަބުން މި ސީޒަނުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުން ހަރަދެއްނުކުރެ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީގައި ވެސް ރެެއާލުން ކުޅުންތެރިން ނުގެންނާނެ އެވެ. ރެއާލްގެ އާމްދަނީ އަށް އެންމެ ބޮޑު އަަސަރެއްކުރީ ސަޕޯޓަރުން ނުލައި މެޗުތައް ކުޅެން ޖެހޭތީ އެވެ.

ސްޕެއިނުގެ އެލްމުންޑޯ ޑިޕޯޓިވޯ އިން ރިޕޯޓްކުރާގޮތުގައި އާމްދަނީ ދަށްވުމުގެ ސަބަބުން ރެއާލަށް ވަނީ ގާތްގަނޑަކަށް އިތުރު 200 މިލިއަން ޑޮލަރު ހޯދަން ޖެހިފަ އެވެ. އެހެންވެ އެ ޓީމުން އަންނަނީ ކްލަބްގެ ވިޔަފާރި މޮޑިއުލްގެ ތެރެއިންނާއި އާ ސްޕޮންސަރުން މެދުވެރިކޮށް އަދި ކުޅުންތެރިން ވިއްކައިގެން ފަންޑް އިތުރުކުރެވޭތޯ ބަލަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އަށް އިތުރު ކުޅުންތެރިއަކު ގަންނަން ފަންޑް ދޭނީ އެ ޓީމުން ކުޅުންތެރިން ވިއްކާލައިގެން ރަނގަޅު އަދަދަކަށް ފައިސާ ލިބިގެންނެވެ. ރެއާލުން ޖެނުއަރީގައި ލޫކަ ޔޯވިޗާއި މަރިއާނޯ ޑިއާޒް އަދި އިސްކޯ ވިއްކާލުމުގެ ފުރުސަތު ބޮޑެވެ.

ރެއާލުން އެންމެ ބޮޑަށް އަމާޒުހިފާނީ މި ސީޒަނަށް ފަހު ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭގެ ސޮއި ހޯދާށެވެ. ފްރާންސްގެ ބައެއް މީޑީއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާގޮތުގައި ކޮވިޑްގެ ހާލަތު މެދުވެރިނުވިނަމަ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެމްބާޕޭ ރެއާލަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.