އެމެރިކާގެ އިންތިޚާބު: ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟
އެމެރިކާގެ އިންތިޚާބު: ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟

ވޮޝިންޓަން (ނޮވެމްބަރު 2) - އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ޑޮނަލްޑް ޓްރަމްޕް އިތުރު ހަތަރު އަހަރު ބަހައްޓާނީތޯ ނުވަތަ ވައިޓް ހައުސް އަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ގެންނާނީތޯ ބެލުމަށް އެމެރިކާގެ ރައްޔިތުން މާދަމާ ވޯޓުލާނެ އެވެ.

ވޯޓުލާ ދުވަސްވަރު ކައިރިވި އިރު، އެކި ފަރާތްތަކުން ހަދަމުންދާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ 1970ގެ އަހަރުތަކުން ފެށިގެން ސިޔާސީ ދާއިރާގައި އުޅުއްވާ އަދި ބަަރަކް އޮބާމާގެ ދެ ދައުރުގެ ނައިބް ރައީސް ޖޯ ބައިޑަން އެވެ.

މަޝްހޫރުކަން ބޮޑީ ކޮން ކެންޑިޑޭޓެއްތޯ އާއްމު ގޮތެއްގައި އެނގެނީ ގައުމީ ޕޯލްތަކުންނެވެ. އެކަމަކު އެއީ އިންތިޚާބެއްގެ ނަތީޖާ ލަފާކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިސާލަކަށް 2016 ވަނަ އަހަރު ޚިޔާލު ހޯދުމުގެ ހުރިހާ ވޯޓަކުން ވެސް ކުރީގައި އުޅުއްވީ ހިލަރީ ކްލިންޓަނެވެ. ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ހިލަރީ ވަނީ އެ އިންތިޚާބުގައި ތިން މިލިއަނެއްހާ، ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ވެސް ހޯއްދަވައިފަ އެވެ. ނަމަވެސް އެމެރިކާގައި އޮންނަ އިލެކްޓޯރަލް ކޮލެޖް ސިސްޓަމުގެ ސަބަބުން، ރައްޔިތުންގެ އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށް ވެރިކަމެއް ނުލިބެ އެވެ.

މި އަހަރު ފެށުނީއްސުރެ ނެގި ޚިޔާލު ހޯދުމުގެ ހުރިހާ ވޯޓެއްގެ ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ވޯޓުގެ 50 ޕަސެންޓް ބައިޑަން ހޯދާނެ ކަމަށް ލަފާކޮށްފައިވާ އިރު ގިނަ ވޯޓުތަކުން އެމަނިކުފާން އުޅުއްވަނީ 10 ޕޮއިންޓް ކުރީގަ އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން ވެސް އެނގޭ ގޮތުގައި އިންތިޚާބުގައި ލިބޭ ވޯޓުގެ އަދަދަށް ވުރެ މުހިންމީ ވަކި ސްޓޭޓްތަކެއްގެ ވޯޓެވެ. އެއީ ބެޓްލްގްރައުންޓް ސްޓޭޓްތަކެވެ. ކެންޑިޑޭޓުންގެ ކެމްޕޭނުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ މި ސްޓޭޓްތަކަށެވެ. އެއީ ނަތީޖާ ކޮންމެ ގޮތަކަށް ވެސް އެނބުރިދާނެ ސްޓޭޓްތަކެވެ. މި ވަގުތަކަށް ބަލާއިރު ބެޓްލްގްރައުންޓް ސްޓޭޓްތަކުގައި ވެސް ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕް 2016 ގައި ހަނި އަޣުލަބިއްޔަތަކުން ނަމަވެސް ކާމިޔާބު ހޯއްދެވި މިޝިގަން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންގައި ވެސް މި ފަހަރު ކުރީގައި އުޅުއްވަނީ ބައިޑަން އެވެ.

ރައީސަކު ހޮވުމަށް އެމެރިކާގައި ބޭނުންކުރާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމްގައި ކޮންމެ ސްޓޭޓަކަށް ވެސް ވަކި އަދަދަކަށް ކޮލެޖް ވޯޓު ލިބެ އެވެ. އެއީ އެ ސްޓޭޓެއްގެ އާބާދީގެ ނިސްބަތުންނެވެ. ނުވަތަ ކޮންގްރެސްގައި އެ ސްޓޭޓެއް ތަމްސީލް ކުރަން މެންބަރުން ތިބޭ ނިސްބަތުންނެވެ. އެހެންވެ 538 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ އަޣުލަބިއްޔަތު ހޯދާ ކެންޑިޑޭޓަކަށް ވެރިކަން ލިބޭނެ އެވެ. ނުވަތަ ކާމިޔާބު ހޯދާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ.

ސްޓޭޓް ބައިޑަން ޓްރަމްޕް 2016 ގެ ނަތީޖާ

އެރިޒޯނާ %47.6 %46.6 ޓްރަމްޕް %3.6 އިން

ފްލޮރިޑާ %49.0 %47.3 ޓްރަމްޕް %1.2 އިން

ޖޯޖިއާ %48.0 %47.2 ޓްރަމްޕް %5.2 އިން

އަޔޯވާ %45.8 %46.2 ޓްރަމްޕް %9.5 އިން

މިޝިގަން %50.0 %43.0 ޓްރަމްޕް %0.2 އިން

މިނެސޯޓާ %48.0 %43.3 ހިލަރީ %1.5 އިން

ނެވާޑާ %48.5 %44.5 ހިލަރީ %2.4 އިން

ނިއު ހެމްޝަޔާ %53.4 %42.4 ހިލަރީ %0.4 އިން

ނޯތު ކެރޮލީނާ %48.9 %46.6 ޓްރަމްޕް %3.7 އިން

އޮހާޔޯ %46.6 %46.4 ޓްރަމްޕް %8.2 އިން

ޕެންސިލްވޭނިއާ %49.3 %45.3 ޓްރަމްޕް %0.7 އިން

ޓެކްސަސް %45.7 %48.0 ޓްރަމްޕް %9.1 އިން

ވާޖީނިއާ %51.7 %40.3 ހިލަރީ %5.4 އިން

ވިސްކޮންސިން %50.3 %44.3 ޓްރަމްޕް %0.8 އިން