02 ނޮވެމްބަރ 2020 - 08:57

ވޮޝިންޓަން (ނޮވެމްބަރު 2) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އަންގާރަ ދުވަހު ވޯޓުލާ އިރު ހަގީގަތުގައި އެ ވޯޓުލަނީ އިލެކްޓޯރަލް ކޮލެޖަށް އޮފިޝަލުން ނުވަތަ އިލެޓާސް ހޮވުމަށެވެ. ސަބަބަކީ އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓް ހޮވަނީ އިލެކްޓޯރަލް ކޮލެޖް ކިޔާ ސިސްޓަމަކުން ކަމަށްވާތީ އެވެ. އެމެރިކާގައި އޮންނަ ގޮތުން ރައީސް އާއި ނައިބް ރައީސް ކަނޑައަޅަނީ ރައްޔިތުންގެ ތެރޭން އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓުންނަށް ބަލައިގެންނެއް ނޫނެވެ. ރައީސް ހޮވަނީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ.

ސްޓޭޓްތަކުގައި އޮންނަ މި ސިސްޓަމުގައި ކޮންމެ ސްޓޭޓެއްގައި ވެސް "އިލެކްޓާސް" ތިބޭނެ އެވެ. އެއީ އެ ސްޓޭޓެއްގައި އޮންނަ ސިޔާސީ ޕާޓީތަކުން ހޮވާ ބަޔެކެވެ. އެއީ ޕާޓީއަށް ވަރަށް ވަފާތެރި ބަޔެކެވެ. ރައީސް އާއި ނައިބް ރައީސް ކަނޑައަޅާ ވޯޓު ހަގީގަތުގައި ލަނީ މި އިލެކްޓާސް އެވެ. އެމެރިކާގެ 48 ސްޓޭޓެއްގައި އޮންނަ ގޮތުން އެ ސްޓޭޓެއްގެ އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށް އެ ސްޓޭޓެއްގެ ހުރިހާ އިލެކްޓޯރަލް ކޮލެޖް ވޯޓެއް ލިބޭނެ އެވެ. މިސާލަކަށް ޓެކްސަސްގެ 50.1 ޕަސެންޓް ވޯޓު ހޯދާ ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ 38 އިލެކްޓޯރަލް ވޯޓު ލިބޭނެ އެވެ. ކެންޑިޑޭޓުން "ސްވިންގް ސްޓޭޓްތަކަށް" (ނަތީޖާ ކޮންމެ ގޮތަކަށް ވެސް ހިނގައިދާނެ ސްޓޭޓްތައް) ސަމާލުކަން ދެނީ އެހެންވެގެންނެވެ.

ނެބްރަސްކާ އާއި މައިންގައި އޮންނަނީ ކުޑަކޮށް ތަފާތު ނިޒާމެކެވެ. އެ ދެ ސްޓޭޓުގެ އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށް ދެ އިލެކްޓާސް ވޯޓުދޭ އިރު ތިން ވަނަ އިލެކްޓާސް ވޯޓު ދޭނީ ސްޓޭޓުގެ ކޮންގްރެޝަނަލް ދާއިރާތަކުން އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށެވެ.

ރިޔާސީ އިންތިޚާބު ނޮވެމްބަރު 3 ވަނަ ދުވަހު އޮންނަ އިރު އިލެކްޓޯރަލް ކޮލެޖް އިލެކްޓާސްގެ ވޯޓު އޮންނާނީ ޑިސެމްބަރު 14 ގަ އެވެ. އެމެރިކާގައި ރިޔާސީ އިންތިޚާބު ބާއްވަނީ ނޮވެމްބަރު މަހުގެ ފުރަތަމަ ހޯމައާ ޖެހިގެން އަންނަ އަންގާރަ ދުވަހު އެވެ.

ކޮންމެ ސްޓޭޓެއްގައި ވެސް އިލެކްޓާސް ތިބެނީ އެ ސްޓޭޓެއްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓު (ކޮންގްރެސް) ގައި މެންބަރުން ތަމްސީލްކުރާ އަދަދަށެވެ. ހައުސްގައި 435 ގޮނޑި ހިމެނޭ އިރު ސެނެޓުގައި ހިމެނެނީ 100 ގޮނޑި އެވެ. ހައުސްގައި މެންބަރުން ތިބޭނެ އަދަދު ކަނޑައަޅަނީ އެ ސްޓޭޓެއްގެ ބޯހިމެނުމަށް ބަލައި އާބާދީގެ ނިސްބަތުންނެވެ. އެކަމަކު އާބާދީ ބޮޑަސް، ކުޑަޔަސް ސެނެޓުގައި ކޮންމެ ސްޓޭޓަކުން ދެ މެންބަރުން ހިމެނެ އެވެ. އެހެންވެ ސްޓޭޓްތަކުގެ އިލެކްޓާސްގެ އަދަދަކީ 535 އެވެ. އެކަމަކު ވެރިރަށް ވޮޝިންޓަނަށް ލިބޭ އިތުރު ތިން އިލެކްޓާސްއާ އެކު ރައީސް އާއި ނައިބް ރައީސް ހޮވާނީ 538 އިލެކްޓާސް އެވެ. އެންމެ ގިނަ އިލެކްޓާސް (55) ތިބެނީ ކެލިފޯނިއާގަ އެވެ.
އެމެރިކާގެ ހުރިހާ ސްޓޭޓެއް ތަމްސީލް ކުރާ 538 އިލެކްޓާސް ތިބޭ އިރު އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު (ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ލިބުނު ނަމަވެސް) މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހޭނެ އެވެ. މިސާލަކަށް އެންމެ ފަހުން 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ގާތްގަނޑަކަށް ތިން މިލިއަން ވޯޓު ހޯއްދެވި އެވެ. ހިލަރީ އަށް 65,844,954 ވޯޓު ނުވަތަ ރައްޔިތުންގެ ވޯޓުގެ 48.2 ޕަސެންޓް ލިބިވަޑައިގެންނެވިއިރު ޓްރަމްޕަށް ލިބިވަޑައިގެންނެވީ 62,979,879 ވޯޓު ނުވަތަ ރައްޔިތުންގެ 46.1 ޕަސެންޓް ތާއީދެވެ. އެހެން ނަމަވެސް އިލެކްޓޯރަލް ކޮލެޖް ވޯޓް ސިސްޓަމަށް ބަލާއިރު ޓްރަމްޕް ވަނީ 304 އިލެކްޓޯރަލް ކޮލެޖް ވޯޓް ހޯއްދަވައިފަ އެވެ. ހިލަރީ އަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އެހެންވެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ޓްރަމްޕެވެ. ހަމައެގޮތަށް 2000 ވަނަ އަހަރުގެ އިންތިޚާބުގައި ޖޯޖް ޑަބްލިއު ބުޝް އަށް 271 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވިއިރު ޑިމޮކްރެޓިކް ކެންޑިޑޭޓް އަލް ގޯ ވަނީ ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ބުޝް އަށް ވުރެ ބައި މިލިއަން އިތުރަށް ހޯއްދަވައިފަ އެވެ. ބުޝް އަށް އެ ފަހަރު ކާމިޔާބު ހޯއްދެވުނީ މައްސަލަ ބޮޑުވި ފްލޮރިޑާގެ ވޯޓު ކާމިޔާބުވުމުންނެވެ. ފްލޮރިޑާގެ ވޯޓު އަލުން ގުނާ އަދި ކޯޓާ ހަމައަށް މައްސަލަ ދިޔަ އެ އިންތިޚާބުގައި ފްލޮރިޑާ އިން ބުޝް އަށް ކާމިޔާބު ހޯއްދެވުނީ އެންމެ 537 ވޯޓުންނެވެ. އެހެންވެ އެ ސްޓޭޓުގެ ހުރިހާ އިލެކްޓޯރަލް ކޮލެޖް ވޯޓެއް ލިބި، ޖުމްލަ 271 ކޮލެޖް ވޯޓާ އެކު ބުޝް ވަނީ ރައީސް ކަމަށް ހޮވިވަޑައިގެންފަ އެވެ.
އެމެރިކާގެ ގާނޫނު އަސާސީ 1787 ވަނަ އަހަރު އެކުލަވާލިއިރު، ރައީސަކު ހޮވުމަށް ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓެއް ނެގުމަކީ އޭރު އަމަލީ ގޮތުން ކުރެވޭވަރުގެ ކަމެއް ނޫނެވެ. އެއީ ގައުމުގެ ސައިޒާއި މުވާސަލާތު ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުންނެވެ. ގާނޫނު ހަދާ މަޖިލީހުން ރައީސަކު ހޮވުމުގެ ޝައުގުވެރިކަން ވެސް އެ ދުވަސްވަރު ކުޑަ އެވެ. އެހެންވެ ގާނޫނު އަސާސީގައި ވަނީ އިލެކްޓޯރަލް ކޮލެޖް އޮނިގަނޑެއް ހިމަނައިފަ އެވެ. ކުދި ސްޓޭޓްތަކުން މި ނިޒާމަށް ތާއީދު ކުރި އެވެ. ސަބަބަކީ އެ މީހުންގެ އަޑު ވެސް ކެންޑިޑޭޓުން އަހަން މަޖްބޫރުވާނެތީ އެވެ. އެމެރިކާގެ ދެކުނުގެ ސްޓޭޓުތަކުން ވެސް މި ސިސްޓަމަށް ތާއީދުކުރި އެވެ. ދެކުނުގެ ސްޓޭޓްތަކުގައި އަޅުންގެ ބޮޑު އާބާދީއެއް އޮވެ އެވެ. އެމެރިކާގައި އަޅުން ވޯޓު ނުލީ ނަމަވެސް ބޯހިމެނުމުގައި އެ މީހުން ވެސް ހިމަނަ އެވެ. އިލެކްޓޯރަލް ވޯޓުގެ އަދަދު ކަނޑައަޅަނީ ސްޓޭޓުގެ އާބާދީގެ ނިސްބަތުން ކަމަށްވާއިރު ރައީސަކު ހޮވުމުގައި ދެކުނުގެ ސްޓޭޓްތަކުގެ ނުފޫޒު ބޮޑެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ނިމުމާ އެކު އިލެކްޓޯރަލް ކޮލެޖް ވޯޓް ސިސްޓަމް އުވާލުމުގެ އަޑުގަދަވެ އެވެ. އެއީ މި ޒަމާނަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށާއި ރައީސް ކަމަށް ހޮވަން ޖެހޭނީ ރައްޔިތުންގެ އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓް ކަމަށް ބުނެ ބައެއް ފަރާތްތަކުން ޚިޔާލު ފާޅުކޮށްފައިވެ އެވެ.
ބައެއް ސްޓޭޓްތަކުގައި ވަނީ އެ ސްޓޭޓެއްގެ އަޣުލަބިއްޔަތު ހޯދާ ކެންޑިޑޭޓަކަށް އިލެކްޓާސް ވޯޓު ދިނުމަށް ގާނޫނުތައް ފާސްކޮށްފަ އެވެ. ނަމަވެސް ސްޓޭޓުގެ އިންތިޚާބުގެ ނަތީޖާއާ އެއްގޮތަށް އިލެކްޓާސް ވޯޓު ދިނުމަށް މަޖްބޫރު ކުރަން ގާނޫނު އަސާސީން ބާރުދީ ނުވަތަ ފެޑެރަލް ގާނޫނެއް ނެތެވެ. އެހެންވެ ބައެއް ފަހަރު "ބޭވަފާތެރި އިލެކްޓާސް"ގެ މައްސަލަ ދިމާވެ އެވެ. އެކަމަކު "ބޭވަފާތެރި އިލެކްޓާސް" ގެ ސަބަބުން އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނަ ކަމެއް އެމެރިކާގެ ތާރީޚުގައި ދިމާވެފައެއް ނުވެ އެވެ. އެހެން ނަމަވެސް 1836 ވަނަ އަހަރު، ވާޖީނިއާގެ 23 އިލެކްޓާސް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ރަނިން މޭޓް ރިޗަޑް ޖޯންސަނަށް ވޯޓު ދޭން ދެކޮޅު ހަދައިފަ އެވެ. އެ ފަހަރު ވާޖީނިއާގެ އަޣުލަބިއްޔަތު ވޯޓު ހޯއްދެވީ ޖޯންސަން އެވެ. ނަމަވެސް "ބޭވަފާތެރި އިލެކްޓާސް" އެ ގޮތަށް ވޯޓު ދިނުމުން ޖޯންސަން އާއި އިދިކޮޅު ރަނިން މޭޓުގެ ވޯޓު އެއްވަރުވި އެވެ. ނައިބް ރައީސްގެ އިލެކްޓޯރަލް ކޮލެޖް ވޯޓު އެއްވަރު ވެއްޖެ ނަމަ މޮޅުވާ ބޭފުޅަކު ކަނޑައަޅާނީ ސެނެޓުންނެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ހަތް އިލެކްޓާސް ބޭވަފާތެރިވި އެވެ. ނަމަވެސް އެ މީހުންގެ ސަބަބުން ނަތީޖާއަކަށް ބަދަލެއް ނާދެ އެވެ.
އިލެކްޓޯރަލް ކޮލެޖް ވޯޓުގެ އަދަދަކީ 538 (ހިރި އަދަދަކަށް) ވުމުން 269 ވޯޓުން އެއްވަރުވުމުގެ ފުރުސަތު އޮވެ އެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައީސް ކަމަށް ހޮވޭ ބޭފުޅަކު ކަނޑައަޅާނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިންނެވެ. އެ ގޮތަށް ދިމާވެފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 1824 ވަނަ އަހަރު ހަތަރު ކެންޑިޑޭޓުންގެ އިލެކްޓޯރަލް ކޮލެޖް ވޯޓު އެއްވަރުވުމުންނެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ސިޔާސީ ނިޒާމުގައި މައިގަނޑު ގޮތެއްގައި ދެ ޕާޓީ ޑޮމިނޭޓް ކުރާ އިރު އެ ގޮތަށް ވޯޓު އެއްވަރުވުމުގެ ފުރުސަތު މިހާރު ހަނިވާނެ އެވެ.