ޔުނައިޓެޑް ދަނޑުގައި އާސެނަލް މޮޅުވެއްޖެ
ޔުނައިޓެޑް ދަނޑުގައި އާސެނަލް މޮޅުވެއްޖެ

މެންޗެސްޓާ (ނޮވެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ރަށުން ބޭރުގައި 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ޔުނައިޓެޑް ދަނޑުގައި އާސެނަލް މޮޅުވެއްޖެ
ޔުނައިޓެޑް ދަނޑުގައި އާސެނަލް މޮޅުވެއްޖެ

މިއީ މިދިޔަ 14 އަހަރު ތެރޭ ލީގުގައި އާސެނަލުން ޔުނައިޓެޑް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި ލީގުގެ ގަދަ ހައެއްގެ ޓީމެއް އަތުން މިދިޔަ ފަސް އަހަރު ތެރޭ ލީގުގައި އާސެނަލުން ހޯދި ފުރަތަމަ މޮޅު ވެސް މެ އެވެ. މި މޮޅާ އެކު އާސެނަލް ވަނީ ލީގުގެ ނުވަ ވަނަ އަށް އަރައިފަ އެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އާސެނަލުން ދިޔައީ ޔުނައިޓެޑް ހާފުގެ ތެރޭގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެކަމަކު ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ އުފެއްދީ ޔުނައިޓެޑުންނެވެ. އެންތަނީ މާޝިއަލް ސަސްޕެންޝަނުގައި ހުރުމުން ޔުނައިޓެޑްގެ އެންމެ ކުރިއަށް ކުޅެމުންދިޔަ މާކަސް ރެޝްފޯޑް ހުސްކޮށްލާފައި ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އަށް ދިނުމުން އޭނާ އެ ބޯޅަ ފޮނުވާލި ނަމަވެސް އާސެނަލް ކީޕަރު ބާން ލެނޯ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި އާސެނަލަށް ލީޑުނަގައިދޭން ވިލިއަން ޖެހި ބޯޅައެއް ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، މުޅިން ހުސްކޮށް އަރައި ބުކާޔޯ ސަކާ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރުންނެވެ.

އާސެނަލުން މި މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. މިއީ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އޭރިއާ ތެރެއިން އާސެނަލްގެ ހެކްޓަ ބެލެރިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑުން ވަނީ ގްރީންވުޑާއި ބްރޫނޯ ފެނާންޑޭސްގެ ބަދަލުގައި ޑޯނީ ވެން ޑަ ބީކް އާއި އެޑިންސަން ކަވާނީ ކުޅެން އަރުވައިފަ އެވެ. ވެން ޑަ ބީކް އޭރިއާ ކުރި މައްޗަށް ނެގި ހުރަސް އާސެނަލްގެ މުހައްމަދު އެލްނެނީ ގައިގައި ޖެހިފައި ގޯލު ދަނޑިއަށް އަމާޒުވީ ކީޕަރު ލެނޯ ބޮލުގައި ޖެހިފަ އެވެ.

މި މެޗުން ބަލިވުމާ އެކު ޔުނައިޓެޑުން މި ފަހަރު ލީގުގައި އަމިއްލަ ދަނޑު ކުޅުނު ހަތަރު މެޗު ވެސް ނިންމާލަން ޖެހިފައި މިވަނީ މޮޅެއް ނުލިބި އެވެ. އެންމެ ފަހުން ޔުނައިޓެޑުން އަމިއްލަ ދަނޑުގައި މޮޅެއް ނުލިބި ލީގުގެ ފުރަތަމަ ހަތަރު މެޗު ފުރިހަމަކުރަން ޖެހުނީ 1972-1973 ވަނަ ސީޒަނުގަ އެވެ. އެ ފަހަރު އެ ޓީމު ނިންމާލީ ލީގުގެ 18 ވަނައިގަ އެވެ. އެންމެ ފަހުން ލީގުގެ ފުރަތަމަ ހަތް މެޗުން ޔުނައިޓެޑް ހަތް ޕޮއިންޓުގައި ފަރުޖައްސާލަން ޖެހުނީ 2013-2014 ވަނަ ސީޒަނުގަ އެވެ. އޭރު ކޯޗަކަށް ހުރި ޑޭވިޑް މޮއިސް ވަނީ ސީޒަން މެދުތެރެއިން ވަކިކޮށްފަ އެވެ. އެ ފަހަރު ޔުނައިޓެޑުން ސީޒަން ނިންމާލީ ހަތް ވަނައިގަ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މެޗު ގެއްލުނީ ފުރަތަމަ ހާފު ދަށްކޮށް ދިއުމުން ކަމަށާއި ޔުނައިޓެޑްގެ އެންމެ ބޮޑު މައްސަލަ އަކީ ރަނގަޅު ކޮންފިޑެންސް ލެވަލެއްގައި މެޗުތައް ފަށައިގެން ނުކުޅެވުން ކަމަށެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކޮންމެ ދަނޑެއްގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވެވޭނެކަން ކުޅުންތެރިންގެ ވިސްނުމަށް ގެންނަން ޖެހޭ ކަމަށާއި މިއީ އެ މަސައްކަތުގައި އޭނާގެ ޓީމުގެ މެންޓަލް ކޮންފިޑެންސަށް ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.

ލީގުގެ އެއް ވަނަ އަށް އަލުން އަރަން ލިބުނު ފުރުސަތު ރޭ އެވަޓަން އިން ވަނީ ނަގާލައިފަ އެވެ. ރަށުން ބޭރުގައި އެވަޓަން ވަނީ 2-1 އިން ނިއުކާސަލް އަތުން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ވަނީ ތިން ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. ލިވަޕޫލް ހަތް މެޗުން 16 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި ޓޮޓެންހަމް އޮތީ ހަތް މެޗުން 14 ޕޮއިންޓާ އެކު އެެވެ.

އަމިއްލަ ދަނޑުގައި ރޭ ޓޮޓެންހަމް އިން ވަނީ 2-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ހެރީ ކޭންގެ ޕެނަލްޓީން ޓޮޓެންހަމް ލީޑުނަގާފައިވަނިކޮށް ބްރައިޓަން އަށް އެއްވަރުކޮށްދިނީ ތޯރިގު ލަމްޕްޓޭ އެވެ. ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަަރައި ޓޮޓެންހަމް މޮޅުކޮށްދިނީ ގަރެތު ބޭލް އެވެ. މިއީ ދެ ވަނަ ފަހަރަށް ޓޮޓެންހަމަށް ބަދަލުވުމަށް ފަހު ބޭލް އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.