01 ނޮވެމްބަރ 2020 - 22:56

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން އެއް ދުވަސް ތެރޭގައި ރެކޯޑް އަދަދަކަށް މިއަދު ޓޫރިސްޓުން އަތުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު ޓޫރިސްޓުންނަށް އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހު އެވެ. ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެ އައީ 37،000 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައިވަނީ މިއަދު އެކަނި ވެސް 1،582 ޓޫރިސްޓުން ރާއްޖެ އައި ކަމަށާއި އެއީ ބޯޑަރު ހުޅުވާލި ފަހުން އެއް ދުވަސް ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ދުވަސް ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ. އަދި މިދިޔަ މަހު މަދުވެގެން 21،000 ޓޫރިސްޓުން ގެންނަން ކަނޑައެޅި ޓާގެޓް ހާސިލް ކޮށްފައިވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
މައުސޫމްގެ ޓްވީޓްގައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ލަފާ ކޮށްފައިވަނީ މި އަހަރު ރާއްޖެ އަންނާނީ 500،000 ޓޫރިސްޓުން ކަމަށެވެ. ބޯޑަރުތައް ބަންދު ކުރުމުގެ ކުރިން 382،000 ޓޫރިސްޓުން އައިސްފައިވާތީ މިއަހަރު މިހާތަނަށް 420،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ވަނީ އައިސްފަ އެވެ.