ރާއްޖެ-އިިންޑިއާގެ 55 އަހަރުގެ ގުޅުން ޝާހިދުގެ ފޮޓޯތަކުން
ރާއްޖެ-އިިންޑިއާގެ 55 އަހަރުގެ ގުޅުން ޝާހިދުގެ ފޮޓޯތަކުން

ރާއްޖެ އާއި އިންޑިއާއަކީ ޒަމާނުއްސުރެ ގުޅުން ބަދަހި ދެ ގައުމެވެ. ދެ ގައުމުގެ ދެމެދު އޮތްގުޅުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވީ ދެ ގައުމުގެ ގުޅުމަށް މިއަދު 55 އަހަރު ފުރުމުގެ މުނާސަބަތުގައި އޭނާ އާންމު ކުރެއްވި ފޮޓޯތަކުންނެވެ.

ޝާހިދު އޭނާގެ ފޭސްބުކްގައި އާންމު ކުރެއްވީ ރާއްޖޭގެ އިސްވެރިންނާ އެކު އިންޑިއާގެ ބޮޑުވަޒީރުން ބޭއްވެވި ބައްދަލުވުންތަކުގެ ފޮޓޯތަކެވެ. އެގޮތުން ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޒަކީ އާއި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީއާ އެކު ހުންނެވި ފޮޓޯ އާއި ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީއާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރައްވާ ފޮޓޯ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާ އެކު ބޭއްވެވި ބައްދަލުވުމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވާ ފޮޓޯއެއް ވެސް ޝާހިދުގެ ޕޯސްޓްގައި ހިމަނާފައިވެ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މޯދީ ބައްދަލު ކުރެއްވި ފޮޓޯ ޝާހިދު ހިމަނުއްވައިފައެއް ނުވެ އެވެ.

ޝާހިދު ލިޔުއްވާފައިވަނީ ރާއްޖެއަށް މިނިވަންކަން ލިބުމުން ރާއްޖެއަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވަމުންދާ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވި އެވެ. އެކަމަކު މި ސަރުކާރުގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހިކޮށްފަ އެވެ. ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިނުގެން ހުންނެވުމަށް ފަހު އޭނާ ރަސްމީ ދަތުރުފުޅެއްގައި އަލަށް ރާއްޖެ ވަޑައިގަތީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ.