"އެމްފައިސާ" މެދުވެރިކޮށް މީރާ އަށް ފައިސާ ދެއްކޭނެ
"އެމްފައިސާ" މެދުވެރިކޮށް މީރާ އަށް ފައިސާ ދެއްކޭނެ

ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ހާއްސަ ކޮށްފައިވާ މީރާގެ އޮންލައިން ހިދުމަތް "ވާރުޕޭ" އިން އުރީދޫގެ "އެމްފައިސާ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ހިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

މީރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން އެވެ.

މިރާއިން ބުނީ، މިއީ މީރާ އިން ހިދުމަތް ހޯދާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކުރަމުން އަންނަ ކަންތައްތަކުގެ ތެރެއިން ތައާރަފުކުރި ހިދުމަތެއް ކަމަށެވެ. މިއީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއް ކަމުން، މީރާ އަށް ފައިސާ ދައްކާ މީހުންނަށް އިތުރަށް ފަސޭހަވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ނަޖީބު ޚާން ވިދާޅުވި ގޮތުގައި، އުރީދޫން މަސައްކަތް ކުރަނީީ ކަސްޓަމަރުންގެ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭ ކަންކަން ފަސޭހަކޮށްދޭ އާ ހިދުމަތްތައް ތައާރަފުކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރުަށް ފުރިހަމަކުރުމަށެވެ. އެގޮތުން، އެމްފައިސާ މެދުވެރިކޮށް މީރާގެ ހިދުމަތްތައްކަށް ފައިސާ ދެއްކޭގޮތް ހެދުމަކީ ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްފައިސާ އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ އެންމެ ގިނަ އާންމު ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތް. އަޅުގަނޑުމެންގެ ޕާޓްނަރުންގެ ތެރޭގައި މީރާ ހިމެނިގެން ދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް،" ނަޖީބު ޙާން ވިދާޅުވި އެވެ.

ވާރުފޭ ހިދުމަތް މެދުވެރިކޮށް މީރާ އިން އަންނަނީ ކުންފުނިތަކުގެ އަހަރީ ފީ އާއި އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީ އާއި ޓްރެފިކާ ގުޅޭ ގޮތުން ކުރާ ޖޫރިމަނާ އާއި މުދަލު ޒަކާތާއި އެއާޕޯޓު ސެކިއުރިޓީ ފާސް ޕޭމަންޓް ފަދަ ފައިސާ ބަލައިގަންނަމުންނެވެ. ވާރުޕޭގެ ހިދުމަތް މީރާގެ ވެބްސައިޓުންނާއި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އެވެ.