01 ނޮވެމްބަރ 2020 - 15:12

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވާ "ބަޑި ބުރާސްފަތި" ޖަލްސާ ބޭއްވޭނީ ވާޗުއަލްކޮށް ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 މާލެ ތެރޭގައި ފެތުރިފައިވާތީ މި ދުވަސްވަރު 30 މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖޭގެ ވެރިކަން ވައްޓާލަން ދިވެހިންގެ ބަޔަކާ އެކު ލަންކާގެ ތަމަޅަ ޓެރަރިސްޓުންގެ ބަޔަކު މާލެ އަރައި ނޮވެމްބަރު 3، 1988 ގައި އެތައް ބަޔަކު ޝަހީދުކޮށްލި ހާދިސާގެ ހަނދާން އާކޮށް ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން އިދިކޮޅުން ޖަލްސާއެއް ބާއްވަން ނިންމީ ކާނިވާ ސަރަހައްދުގަ އެވެ. އެ ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެޗްޕީއޭ އާއި ސިޓީ ކައުންސިލްގައި އެދުނީ އިއްޔެ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލުން ހުއްދަ ނުދިން ކަމަށާއި ހުއްދަ ދެވެނީ އެޗްޕީއޭ އަށް ކަމަށް ކައުންސިލުން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އިދިކޮޅު ޖަލްސާ އަށް އެޗްޕީއޭ އިން ވެސް ހުއްދަ ދިނީ ވާޗުއަލްކޮށް ބާއްވަން ކަމަށާއި އެހެންވެ ޖަލްސާ ދެން ބާއްވާނީ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކަމަށެވެ.
"މައިމޫނާ އަޅުގަނޑުމެންނަށް ފޮނުވި ސިޓީގައި މި އޮތީ، މިހާލަތުގައި އެއްވެ އުޅުމަކީ ރައްކާތެރިކަމެއް ކަމަށް ނުފެންނާތީއޭ ކިޔާފައި ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް އިލްތިމާސްކޮށްފައި،" ޝުޖާއު ވިދާޅުވި އެވެ.
ކޯލިޝަން ޖަލްސާ އަށް އެޗްޕީއޭ އިން ހުއްދަ ނުދީ ސަރުކާރުން ކުރަމުން އަންނަ ބައެއް ކަންކަމަށް ފާޑު ވިދާޅުވެ ސުޖާއު ވިދާޅުވީ "ދައްކާ ވާހަކަ ދިމައެއް ނުވާ" ކަމަށެވެ.
"އެއްވެސް ބެލުމެއް ނެތި މައިމޫނާ އެބަ ހުއްދަ ދެއްވާ ސަރުކާރު ކުންފުނިތަކުގެ އެމްޑީންނަށް ބައެއް ރަށްރަށަށް އަރައި މީހުންނާ ބައްދަލުކޮށް، ހިނގާބިނގާވެ އުޅެ އާންމު ރައްޔިތުންނާ ބައްދަލުކުރަން،" ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތައް އަރާ މައިމޫނާ ކީއްވެގެންތޯއޭ ނާންގަވަނީ ވާޗުއަލްކޮށް މި ބައްދަލުވުންތައް ބާއްވަން."
އޭނާ ވިދާޅުވީ އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ބަޔަކު ކަމެއް ކުރާ ނަމަ އެޗްޕީއޭއާ ސަރުކާރުގެ އިސްވެރިން ގުޅިގެން އެކަމަށް ހުރަސްއަޅާ ކަމަށާއި ފަސް އަހަރުގެ ދަައުރެއް ވާޗުއަލްކޮށް ނިންމިޔަ ނުދޭނެ ކަމަށެވެ.