01 ނޮވެމްބަރ 2020 - 13:22

މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާ (އައިންތު) އަށް ގޯނާކޮށް، ދިރިއުޅުމަށް ދަތިކުރާ މީހާ ހުއްޓުވަން ގާނޫނީ ގޮތުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ދެއްވައިފި އެވެ.
އައިންތުގެ ކާރަށް މިދިޔަ ހަފުތާގައި ފަސް ވަނަ ފަހަރަށް ގެއްލުން ދިނުމުން މަހްލޫފް ވަނީ އޭނާއަށް ދިމާވާ އުނދަގޫތައް އޮޅުންފިލުއްވައިފަ އެވެ. އަދި ކާރު މަރާމާތުކޮށްދެއްވައި، މަސައްކަތަށް ނުކުމެވޭނެ ގޮތް ހަދައިފަ އެވެ.
މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އައިންތުއަށް ދިމާވާ އުނދަގޫތަކަށް ހައްލު ލިބުން ލަސްވެފައިވާ މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އައިންތުއަށް އޭނާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ އެވެ.
"އައިންތު އަށް ގޯނާކުރަމުންދާ މިހާ ހުއްޓުވާ އޭނާ އާއި ގާނޫނު އަރާ ހަމަވަންދެން މަސައްކަތްކޮށްދޭނަން،" މަހްލޫފް ވިދާޅުވި އެވެ.
އައިންތު ތުހުމަތުކުރާ ގޮތުގައި އޭނާގެ ޓެކްސީއަށް ގެއްލުންދީ، އެކި ގޯނާކުރިމަތި ކުރަނީ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިންނެވެ. އެކަމަކު މި ފަހުން ޓެކްސީއަށް ގެއްލުންދިނީ ކާކު ކަން އަދި ނޭނގޭ ކަމަށް އައިންތު މިއަދު ބުންޏެވެ.
އައިންތުގެ ވާހަކަތައް އަޑުއައްސަވައި މަހްލޫފް ފާހަގަކުރެއްވި ގޮތުގައި އޭނާއަކީ ހިތްވަރު ގަދަ މީހެކެވެ. އެއީ، އަންހެނުންނަށް ނަމޫނާއެއްގެ ގޮތުގައި ވެސް މިނިސްޓަރު ސިފަކުރެއްވި އެވެ.
ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުން ލަސްވެފައިވާ މައްސަލައިގައި އައިންތު ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އޭނާ އަށް ގެއްލުންދޭ ކޮންމެ ފަހަރަކު ފުލުހުންނާއި ކަމާގުޅޭ އެހެން މުއައްސަސާތަކަށް ރިޕޯޓްކުރެ އެވެ. އެކަމަކު މިހާތަނަށް ފިޔަވަޅެއް ނޭޅެ އެވެ.
އޭނާ ބުނިގޮތުގައި، ގެއްލުންދޭ ކޮންމެ ފަހަރަކު ވެސް އެ މީހުން ދޫވަނީ އެކަށީގެންވާ ހެކި ނެތިގެން ކަމަށް ބުނެ އެވެ. އެކަމަކު މިފަހަރު، ގެއްލުން ދިން މީހާގެ ސީސީޓީވީ ފުޓޭޖް ފުލުހުންގެ އަތުގައި ހުރުމަކީ އިންސާފު ލިބިދާނެ ކަމަށް އޮތް ހިތްހަމަޖެހުމެއް ކަމަށް އައިންތު ބުންޏެވެ.