01 ނޮވެމްބަރ 2020 - 12:51

މައްކާ (ނޮވެމްބަރު 1) - ބައިނަލްއަގުވާމީ އުމްރާވެރިންނަށް މައްކާގެ ހަރަމްފުޅު މިއަދު ހުޅުވާލުމާ އެކު ފުރަތަމަ ދުވަހު ވެސް 10،000 މީހުން ސައުދީ އަރަބިއާ އަށް ދަތުރުކޮށްފައިވާ ކަމަށް ހައްޖު މިނިސްޓްރީން ބުނެފި އެވެ.
ޑެޕިއުޓީ މިނިސްޓަރު އޮފް ހައްޖު އެންޑް އުމްރާ ޑރ. އަމްރު އަލް މައްދާ ވިދާޅުވީ އެކި ގައުމުތަކުން ދަތުރުކުރި މީހުން ފުރަތަމަ ތިން ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށެވެ. އުމްރާ އަށް ދާ މީހުން ސައުދީގައި 10 ދުވަހު ތިބެވޭނެ އެވެ. ބައިނަލްއަގުވާމީ އުމްރާވެރިންނަށް ކަނޑައަޅާފައިވާ އުމަރަކީ 18-50އާ ދެމެދެވެ. ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރޭ ގައުމުތަކުގެ މީހުންނަށް އުމްރާ ވިސާ ދޫކުރުން މަޑުޖައްސާލާނެ ކަމަށެވެ.
އުމްރާގެ އަޅުކަމުގެ ތިން ވަނަ ސްޓޭޖް މިއަދު ފެށުމާ އެކު ދުވާލަކު 20،000 މީހުން އުމްރާކުރުމުގެ ފުރުސަތު ދޭނެ އެވެ. ހަތް މަސް ދުވަހަށް ފަހު އުމްރާ ކުރަން ފުރަތަަމަ ފުރުސަތު ހުޅުވާލީ މިދިޔަ މަހު 4 ގަ އެވެ. ސައުދީގައި އުޅޭ މީހުންނަށް އެކަނި އެ ފަހަރު ހުޅުވާލިއިރު ހުއްދަ ދީފައި ވަނީ ދުވާލަކު 6،000 މީހުންނަށެވެ. އޮކްޓޯބަރު 18 ގައި ހުޅުވާލި ދެ ވަނަ ފިޔަވަހީގައި ވަނީ ދުވާލަކު 15،000 މީހުންނަށް ހުއްދަ ދީފަ އެވެ.
ތިން ވަނަ ފިޔަވަހި، ކޮވިޑް-19 ގެ ނުރައްކާ ނިމުމަކަށް އަންނަންދެން ނުވަތަ ވަކި ގޮތަކަށް ކަނޑައަޅަންދެން ދެމިއޮންނާނެ އެވެ.
ކޮވިޑް-19 ފެތުރޭތީ އުމްރާގެ އަޅުކަން މެދުކަނޑާލީ މިދިޔަ މާޗް މަހު އެވެ. ހައްޖުގެ އަޅުކަން ވެސް އެންމެ ފަހުން ބޭއްވީ ސައޫދީގައި އުޅޭ މީހުންނަށް ބައިވެރިވެވޭ ގޮތަށް މަދު ބަޔަކާ އެކުގަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ގާތްގަނޑަކަށް ހާހެއްހާ މީހުންނަށް ފުރުސަތު ދިން އިރު މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ވަނީ 2.5 މިލިއަން މީހުން ބައިވެރިވެފަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ކޮރޯނާވައިރަހުގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެ އެވެ.