01 ނޮވެމްބަރ 2020 - 13:01

މި އަހަރުގެ ތިން ވަނަ ކުއާޓާގައި އުުރީދު އަށް ލިބުނު ސާފު ފައިދާ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު 53 ޕަސެންޓް ދަށްވެއްޖެ އެވެ.
އުރީދޫން ނެރުނު ތިން ވަނަ ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުގައި ޖުލައިި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް ލިބިފައިވަނީ 62 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބުނެވެ.
މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 18 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މި އަހަރުގެ ދެވަނަ ކުއާޓާގައި އުރީދު އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 80.7 މިލިއަން ރުފިޔާ އެވެ.
ތިން ވަނަ ކުއާޓާގައި އުރީދު އަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ކުންފުންޏަށް 488 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މި އަހަރު ލިބުނީ 367.8 މިލިއަން ރުފިޔާ އެވެ.
އުރީދޫން ބުނިގޮތުގައި އެ ކުންފުނީގެ އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް އަސަރު ކުރުމާ ގުޅިގެންނެވެ.