މިދިޔަ މަހު ނެގި 41،000 އަށް ވުރެ ގިނަ ސާމްޕަލް އިން ޕޮޒިޓިވްވީ 1،359 މީހުން
މިދިޔަ މަހު ނެގި 41،000 އަށް ވުރެ ގިނަ ސާމްޕަލް އިން ޕޮޒިޓިވްވީ 1،359 މީހުން

މިދިޔަ މަހު ކޮވިޑް-19 އަށް ޓެސްޓުކުރި 41،000 އަށް ވުރެ ގިނަ ސާމްޕަލްގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 1،359 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުން ދައްކައިފި އެވެ.

އެޗްޕީއޭ އިން އަންނަނީ ކޮންމެ ދުވަހަކު ވެސް، އެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އާންމު ކުރަމުންނެވެ. މިދިޔަ މަހު އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މުޅި މަހުގެ ތެރޭގައި 41،392 ކޮވިޑް ޓެސްޓު ހަދާފައި ވެ އެވެ. އެވްރެޖްކޮށް ދުވާލަކު 1،335 ސާމްޕަލް ނަގާފައިވާ އިރު ޕޮޒިޓިވްވެފައި ވަނީ 44 މީހުންނެވެ. މިއީ ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނެގި މީހުންގެ ތެރެއިން 3.28 ޕަސެންޓެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އަންނަނީ ދަށްވަމުންނެވެ. މަސް ފެށުން އިރު އާންމުކޮށް 60 މީހުން ދުވާލަކު ޕޮޒިޓިވްވި އިރު، މަސް ނިމުން އިރު ޕޮޒިޓިވްވި މީހުންގެ އަދަދު އެވްރެޖްކޮށް އުޅުނީ 20 ގެ ތެރޭގަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 16 މީހުންނެވެ. މިއީ މިދޭތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަަދަދު 20 އަށް ވުރެ ދަށްވި ފުރަތަމަ ފަހަރެވެ.

މި އަދަދު ދަށްވި ނަމަވެސް، ފަރުވާ ކުޑަ ނުކޮށް އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބެން އެޗްޕީއޭ އިން މިއަދު ހަނދާންކޮށްދިނެވެ. ގަވާއިދުން އަތް ދޮވެ، މާސްކު އަޅާ، ތިން ފޫޓު ދުރުމިނުގައި ތިބެން އެޗްޕީއޭ އިން ބާރު އަޅަ އެވެ. އަދި ކޮންޓެކްޓްވާ މީހުންގެ އަދަދު ދަށް ކުރާށާއި ކޮންޓެކްޓް ބަބުލް ކުޑަކުރަން އެދުނެވެ.

ކޮވިޑް ކޭސްތަކަށް ބަލާ އިރު، ދޭތެރެ ދޭތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވެ އެވެ. މި ފަހުން އެންމެ ގިނައިން ޕޮޒިޓިވްފެފައި ވަނީ މިދިޔަ ބުދަ ދުވަހު 84 މީހުންނެވެ. ނަމަވެސް އޭގެ ތެރޭގައި ރިސޯޓެއްގައި ތަރައްގީކުރަމުން އަންނަ ރ. ކުޑަކުރަތުން ޕޮޒިޓިވްވި 52 މީހުން ހިމެނެ އެވެ. މާލެ އިން ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ލެވެލެއްގައި ހުރުމުން މާލޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން ދ. ކަނޑިންމަ ރިސޯޓުން 17 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. އެހެންވެ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިއަދު ވެސް އިތުރު ވުން އެކަށީގެން ވެ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 11،659 އަށް އަރައިފަ އެވެ. އޭގެ ތެރެއިން މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 807 މީހުންނެވެ. ކޮވިޑް ޖެހިގެން 38 މީހަކު މަރުވެފައި ވެ އެވެ.