އޮޅުވާލައިގެން "އަލައްދިން" ވޮއްގަނޑު ވިއްކާލައިފި
އޮޅުވާލައިގެން "އަލައްދިން" ވޮއްގަނޑު ވިއްކާލައިފި

ބޭނުންވާ ކަންކަން ހާސިލުކުރަން "އަލައްދިން" ވޮއްގަނޑަކީ ހަމަ އަސްލު ވެސް ޖާދޫއެއް ފަދަ އެއްޗެއް ކަމަށް ބުނެ އިންޑިއާގެ ޑޮކްޓަރަކު ހައްދާލައި އޭނާ އަށް ވޮއްގަނޑު ވިއްކައިލި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އޮޅުވާލައިގެން "އަލައްދިން" ވޮއްގަނޑު ވިއްކާލައިފި
އޮޅުވާލައިގެން "އަލައްދިން" ވޮއްގަނޑު ވިއްކާލައިފި

މީޑިއާތަކުން ބުނީ 31 ލައްކަ ރުޕީސް (639,440.63ރ.) އަށް ވޮއްގަނޑު ވިއްކައި އުއްތަރު ޕްރަދޭޝްގެ މީރަތަށް ނިސްބަތްވާ ޑރ. އެލްއޭ ޚާނަށެވެ. އޭނާއާ ހަވާލާދީ މީޑިއާތަކުން ބުނިގޮތުގައި "ސިކުނޑި ދޮވެ ހައްދާލައިގެން" ވޮށްގަނޑު ވިއްކައިލި ދެ މީހުން އެންމެ ފުރަތަމަ އެ ވިއްކަން ހުށަހެޅީ 1.5 ކްރޯޑް ރުޕީސް (3,094,067.57ރ) އަށެވެ.

ޑޮކްޓަރު ކިޔައިދިން ގޮތުގައި އިކްރާމުއްދީނާއި އަނީސް ކިޔާ ދެ މީހަކު އޭނާ އަށް "އަލައްދިން" ގެ ވޮށްގަނޑު ވިއްކީ އެ މީހުންގެ މަންމަ ކަމަށް ބުނާ މީހަކަށް ފަރުވާދޭން އެ މީހުން ތިބޭ ގެއަށް ގޮސް ހެދުމުގެ ތެރޭގަ އެވެ.

"އެގޮތަށް ގޮސް އުޅުމުގެ ތެރޭގައި އެ މީހުން އަހަންނަށް އެ ވޮއްގަނޑު ދައްކައި އެއް ފަހަރު އަލައްދިން ވެސް ދައްކައިލި. އަދި ބުނެފައިވޭ ވޮއްގަނޑުން ބޭނުން ކޮންމެ ކަމެއްކުރެވޭނެ. އެކަހަލަ ވާހަކަތަކެއް ދައްކާފައި އެއީ ތެދެއް ކަމަށް ދައްކުވަން ވަރަށް ގިނަ ކަންކަން އެ މީހުން އަހަރެންގެ ލޯ ކުރިމަތީގައި ކުރީމާ އަސްލު ތެދެއް ކަމަށް ގަބޫލުކުރެވި ވޮއްގަނޑު ގަތީ،" ޚާން ބުންޏެވެ.

އޭނާ ބުނީ 31 ލައްކަ ޕުރީސް އަށް އެ ވިއްކަން އިކްރާމުއްދީނާއި އަނީސް އެއްބަަސްވީ އެ މީހުން ހުށަހެޅި އަގު ދެވެން ނެތް ކަމަށް ބުނުމުންނެވެ. ނަމަވެސް ވޮއްގަނޑަކީ ފޭކެއް ކަމާއި އެއީ ރާވައިގެން އޮޅުވާލައިގެން ހިންގި ޖަރީމާއެއްކަން އެނގުމުން އޭނާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ 25 ގަ އެވެ. އަދި މި މައްސަލާގައި ވޮއްގަނޑު ވިއްކި ދެ މީހުން ހައްޔަރުކޮށްފައިވާ އިރު، އެ މީހުންގެ މަންމަ ކަމަށް ހެދިގެން އުޅުނު އަންހެން މީހާ ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މި ހާދިސާ ތަހުގީގިކުރަމުން އަންމަ މީރަތު ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ އަމިތު ރާއީ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އިކްރާމުއްދީނާއި އަނީސް ވަނީ ގިނަ ބަޔަކު ހައްދާލައިގެން "އަލައްދިން" ގެ ވޮއްގަނޑު ކަމަށް ބުނާ ވޮއްގަނޑުތައް އެތައް ބަޔަކަށް ވިއްކައިފަ އެވެ. އަދި މިކަމުގައި އަންހެން މީހާ ވެސް އިސް ރޯލެއް އަދާކޮށްފައިވެ އެވެ.

"އަލައްދިން" ގެ ޖާދޫގެ ވޮއްގަނޑަކީ މެދުއިރުމަތީގެ އިހުގެ ހިޔާލީ ވާހަކައެއްގެ ތެރެއިން މަޝްހޫރުވެފައި އޮންނަ އެއްޗެކެވެ. މި ވޮއްގަނޑުގެ ވާހަކަ ފިލްމުތަކާއި ސިލްސިލާތަކާއި ކާޓޫން ފިލްމުތަކުން ވެސް ތަކުން ފެންނާނެ އެވެ.

ޑޮކްޓަރަކު ހައްދާލައިގެން "އަލައްދިން" ވޮއްގަނޑު ވިއްކި ވާހަކަ މީޑިއާތަކަށް އެރުމުން ވަރަށް ގިނަ ބަޔަކު ޑޮކްޓަރުގެ ގަމާރު ކަމަށް ޖޯކް ވެސް ޖަހައިފަ އެވެ.