ގްރޭޑް 1 އަށް ވައްދާނީ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށް
ގްރޭޑް 1 އަށް ވައްދާނީ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށް

އަންނަ އަހަރު ގްރޭޑު 1 އަށް ވައްދާނީ، އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ގްރޭޑު އެކަކުން ޖާގަ ދިނުމުގައި މިހާތަނަށް ބަލަމުން އައީ، އެ އަހަރެއްގެ ޖެނުއަރީ 1 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ. ޕްރީ ސްކޫލު ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުގައި ހިމެނޭތީ މުޅިން އަލަށް ދަރިވަރުން ވައްދާނީ އެލްކޭޖީއަށެވެ. އެލްކޭޖީ އަށް ވައްދަމުން ދިޔައީ އެ އަހަރެއްގެ ޖެނުއަރީ 1 އަށް ހަތަރު އަހަރު ފަސް އަހަރު ނުފުރޭ ކުދިންނަށެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދިރާސީ އާ އަހަރު ފެށުން އޮގަސްޓް 10، 2021 އަށް ބަދަލުކުރުމުން، ގްރޭޑު އެކަކުން ޖާގަ ދިނުމުގައި ބަލަމުން އައި އުސޫލަށް ވެސް ބަދަލުތަކެއް ގެނައީ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރީ އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނު ފަސްކުރުމުން ސްކޫލުތަކަށް ދިމާވާނެ ޖާގައިގެ ދަތިތައް ހައްލު ކުރުމަށެވެ.

ގްރޭޑު 10 އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފައިނަލް އިމްތިހާނު ނިމުމާ ހަމައަށް، އެ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ދެމިތިބޭނެ އެވެ.

ސްކޫލުތަކަށް މިނިސްޓްރީން ފޮނުވި އުސޫލުގައި ބުނީ، އަންނަ އަހަރު ގްރޭޑު 1 އަށް ވައްދާނީ ވޭތުވެދިޔަ ދެ އަހަރު ޕްރީ ސްކޫލު ނިންމައި އަދި ނިމިގެން ދިޔަ އަހަރު ޔޫކޭޖީ ނުވަތަ އެ ފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށް، އެ މަރުހަލާގައި ހާސިލްކުރަންޖެހޭ މިންވަރަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ ޑިސެމްބަރު 31، 2021 އަށް ހަތް އަހަރު ފުރިފައިވާ ކުދިން ކަމަށެވެ.

އެލްކޭޖީއަށް ވައްދާނީ އޮގަސްޓް 1، 2021 އަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނެވެ.

މީގެ އިތުރުން ޔޫކޭޖީ ފުރިހަމަކޮށްފައި ވަނީ ހަ އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި (މާޗު 31، 2022) އާ ހަމައަށް ހަތް އަހަރު ފުރޭ ދަރިވަރަކަށް ވެއްޖެ ނަމަ ބެލެނިވެރިޔާ ބޭނުން ނަމަ އެ ދަރިވަރަކަށް ގްރޭޑު 1 ން ޖާގަ ލިބޭނެ އެވެ. އެލްކޭޖީގައި ޑިސެމްބަރު 31، 2021 އަށް ހަތް އަހަރު ފުރޭ ދަރިވަރުން ތިބިނަމަ ދަރިވަރުގެ ބެލެނިވެރިޔާއާއި ސްކޫލާ މަޝްވަރާކުރުމަށްފަހު އެ ފަދަ ދަރިވަރުންނަށް ގްރޭޑު 1 އިން ޖާގަ ހަމަޖެހިގެންދާނެ ކަމަށާއި އެފަދަ ދަރިވަރުން ގްރޭޑު 1 އަށް ގެންދިއުމަށްޓަކައި ސްކޫލުން ހާއްސަ ޕްރޮގްރާމެއް ރާވަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުންޏެވެ.

ގްރޭޑު 1 އަށް ވަންނަން އެދޭ ކުއްޖާއަށް ޔޫކޭޖީ މަރުހަލާގައި ކިޔަވައިދިން ޓީޗަރުގެ ފަރާތުން ނުވަތަ އެ ކުއްޖާ ކިޔެވި ޕްރީސްކޫލުން އެއީ ގްރޭޑު 1 ގެ ކިޔެވުން ކުރިއަށް ގެންދިއުމުގެ ގާބިލްކަން ހުރި ދަރިވަރެއްކަން ބަޔާންކުރާ ލިޔުމެއް، ވައްދަން އެދޭ ސްކޫލަށް، މާލޭގައި ނަމަ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅަންޖެހޭނެ އެވެ.