01 ނޮވެމްބަރ 2020 - 10:33

މިލާން (ނޮވެމްބަރު 1) – ފަހަތުން އަރައި ދެ ގޯލް ޖަހައި އިންޓަ މިލާނުން ރޭ އިޓާލިއަން ލީގުގައި ޕާމާއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ލީގުގައި އިންޓަ ކުޅުނު ފުރަތަމަ ހަ މެޗުން މޮޅުވެވުނީ ތިން މެޗުންނެވެ. ދެ މެޗު އެއްވަރުވެ އެއް މެޗުން ބަލިވީ އެވެ. އެ ޓީމު މިހާރު އޮތީ 11 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް އޭސީ މިލާން މިއަދު އުދިނޭޒީ އަތުން މޮޅުވެއްޖެ ނަމަ އިންޓައާ އެއް ވަނައާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އަންނާނެ އެވެ.
ޕާމާގެ ޖާވީނިއޯ ދެ ލަނޑު ޖަހާފައި އޮއްވާ އިންޓަ އަށް 64 ވަނަ މިނެޓުގައި ތަފާތު ކުޑަކޮށްދިނީ މާސެލޯ ބްރޮޒޮވިޗެވެ. އިންޓަ ސަލާމަތްވީ އިތުރު ވަގުތު އިވާން ޕެރިސިޗް ޖެހި ލަނޑުންނެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި އިންޓަ އިން ކުރި ޕެނަލްޓީއަކަށް އެޕީލަކަށް ޕެނަލްޓީއެއް ނުދިން މައްސަލައިގައި ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ބެލެވޭ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވީ ވެސް އެ ރުޅީގަ އެވެ.
"ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަކީ ވެސް އަހަރެމެން ކުރަން ޖެހޭ ކަމެއް،" އިންޓަގެ ސްޕޯޓިން ޑިރެކްޓަރު ބެއްޕޭ މަރޯޓާ ވިދާޅުވި އެވެ. "އަހަރެމެންނަށް އެނގިފައި އޮންނަނީ ވީއޭއާރް އިން ބަލަނީ ފާޅުކުރަން ބޮޑު ގޯސްތަކުގައި. މިއަދު ސާފުކޮށް ފެންނަން އޮތް ޕެނަލްޓީއެއް އެއީ. އެހެންވީމާ ރެފްރީ ރަނގަޅަށް ބަލަންވީ ނުވަތަ ވީއޭއާރް ބޭނުންކުރަންވީ."
ރޭ އެޓަލާންޓާ އިން ވަނީ ތާވަލުގެ ފުލުގައި އޮތް ކްރޮޓޯނޭ އަތުން 2-1 އިން މޮޅުވެ ދެ ވަނަ އަށް އަރައިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. އެއް ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ މިލާނެވެ. ކުރިން ދެ ވަނައިގައި، 11 ޕޮއިންޓާ އެކު އޮތް ނަޕޯލީ ތިން ވަނަ އަށް ވެއްޓިފައިވީ ނަމަވެސް މިރޭ ސަސުއޮލޯ އަތުން މޮޅުވެގެން އަލުން ދެ ވަނަ އަށް އެރޭނެ އެވެ.