01 ނޮވެމްބަރ 2020 - 10:06

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ސޮއިކޮށްފި އެވެ.
ޓީސީގައި މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި އީސަ ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވީ ޓީސީން ރިލީޒް ހޯދައިގެންނެވެ. އީސަ އަކީ ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑް ވިކްޓްރީ ވަރުގަދަކުރަން ގެނައި ގައުމީ ޓީމުގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވެސް ވަނީ ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވެފަ އެވެ.
ވިކްޓަރީން ކެރިއަރު ފެށި އީސަ ވަނީ އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓާއި އަދި އީގަލްސް އަށް ކުޅެފަ އެވެެ. އީގަލްސް ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި އީސަ 2016 ވަނަ އަހަރު ފެނުނީ މާޒިޔާ އިންނެވެ. އެހެން ނަމަވެސް މުޅި އަހަރަށް ބަލާއިރު އީސަ އަށް މާ ގިނަ މެޗުތަކުން މާޒިޔާ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ 2017 ވަނަ އަހަރު އަލުން ވިކްޓަރީ އަށް ބަަދަލުވި އެވެ. އަލުން މާޒިޔާއާ ގުޅުނީ ވިކްޓަރީ އަށް 2017 ވަނަ އަހަރުގެ ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުންނެވެ. އެއީ އޭނާ މާޒިޔާއާ ގުޅުނު ތިން ވަނަ ފަހަރެވެ.
މިދިޔަ ސީޒަނުގައި ޓީސީއާ ގުޅި ކޯޗު މުހައްމަދު އާތިފް (އާތީ)ގެ އިރުޝާދުގެ ދަށުން އީސަ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޓީސީއާ އެކު ސީޒަން ފަށަން ކުޅޭ މެޗުން މޮޅުވެ އެފްއޭ ޗެރިޓީ ޝީލްޑް ހޯދި އެވެ. އަދި ޓީސީން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަމައެކަނި މެޗުގައި ރަށުން ބޭރުގައި ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނެވެ. އީސަ ވަނީ މެދުކެނޑުމަކަށް ފަހު ގައުމީ ސްކޮޑުން ވެސް މި އަހަރު ޖާގަ ހޯދައިފަ އެވެ.
ޔުނައިޓެޑް ވިކްޓްރީން ދެން ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި އީގަލްސް އަށް މިދިޔަ އަހަރު ފަހު ކޮޅުގައި ބަދަލުވި އިސްމާއިލް ފަރުހާދު (ފަރޭ) އާއި މިދިޔަ އަހަރު ދަ ގްރާންޑޭ އަށް ކުޅުނު އަހުމަދު ނިޒާމް (ނިޒާމްބެ) ހިމެނެ އެވެ.
ކުރިއަށް އޮތް ސީޒަނަށް މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީން ފަރިތަކުރުންތައް ފަށަން ނިންމާފައިވާއިރު، އެނގިފައިވާ ގޮތުގައި މި ފަހަރު ވެސް އެ ޓީމުގެ ކޯޗަކަށް ހުންނާނީ މިދިޔަ ސީޒަނުގެ މެދު ތެރެއިން އެ ޓިމާ ހަވާލުވި ކޯޗު މުހައްމަދު އާދަމް އެވެ.