ރޫޕަލް ޕަޓޭލް ކުޅޭ ކޮކީލާބެން މޯދީގެ ކެރެކްޓާ އަށް މި މަހު ނިމުން ގެންނަނީ
ރޫޕަލް ޕަޓޭލް ކުޅޭ ކޮކީލާބެން މޯދީގެ ކެރެކްޓާ އަށް މި މަހު ނިމުން ގެންނަނީ

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ 2" ގައި ކޮކީލާބެން މޯދީގެ ރޯލް ކުޅޭ ރޫޕަލް ޕަޓޭލްގެ ރޯލަށް މި މަހުގެ ތެރޭގައި ނިމުމެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވބެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ރޫޕަލް މި ފަހަރު ސިލްސިލާ އަށް ސޮއިކުރީ ވެސް 20 ވަރަކަށް އެޕިސޯޑަށެވެ. މިދިޔަ މަހުގެ 19 ގައި ދައްކަން ފެށި ސިލްސިލާ 13 އެޕިސޯޑް މިހާތަނަށް ގެނެސްދީފައިވާ އިރު، ރޫޕަލްގެ ރޯލަށް ނިމުން އަންނާކަށް މާ ގިނަ ދުވަހެއް ނެތެވެ.

ނޫސްތަކުން ބުނި ގޮތުގައި"ސާތު ނިބާނާ ސާތިޔާ 2" އަށް ރޫޕަލް ސޮއިކުރީ ވެސް އޭނާގެ ކެރެކްޓާ އަކީ އޭގައި މާ ބޮޑަށް ދިގުދެމިގެން ނުދާނެ ރޯލެއްކަން އެނގިހުރެ އެވެ. އެކަމަކު މި ސިިލްސިލާ ބަލާ މީހުންނަށް ހަމަ ޔަހީނުން ވެސް ރޫޕަލް ކުޅޭ ކޮކީލާބެންގެ ކެރެކްޓާ ނެތުމުގެ ފަޅުކަން އިހުސާސްކުރަން ޖެހޭނެ އެވެ. އާ ސިލްސިލާ ފެށިގެން މިހާތަނަށް އައި އިރު ވެސް ގިނަ އެޕިސޯޑްތަކުގައި ހުރީ ކޮކީލާ ލީޑްކުރި ހާދިސާތެކެވެ.

ކޮކީލާބެންގެ ރޯލް ނިމުމަކަށް ގެންނަން އުޅޭ ވާހަކަ މީޑިއާތަކުން ފަތުރަމުން ދިޔަ ނަމަވެސް، "ސާތު ނިބާނާ ސާތިޔާ 2" ގެ ޓީމުން އަދި އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ މި ފަހަރު ސިލްސިލާގެ މައިގަނޑު ވާހަކަ އެނބުރޭނީ ގޯޕީ ބަހޫ (ޑެވޮލީނާ ބަޓަޗަރަޖީ) އާއި ގެހެނާ (ސްނޭޖާ ޖެއިން) ގެ ކެރެކްޓާތަކަށްކަމެވެ.

ރޫޕަލް "ސާތު ނިބާނާ ސާތިޔާ 2" ކުޅެން ފެށީ އޭނާ މުހިއްމު ރޯލެއް ކުޅެމުން ދިޔަ ސްޓާ ޕްލަސްގެ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ވެސް ނިންމައިލުމަށް ފަހު އެވެ.

"ސާތު ނިބާނާ ސާތިޔާ 2" އަކީ ސްޓާ ޕްލަސްް އިން 2010-2017 އަށް ގެނެސްދިން "ސާތު ނިބާނާ ސާތިޔާ" ގެ ދެވަނަ ސީޒަނެވެ. ރޫޕަލް އާންމުންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ އެ ސިލްސިލާގައި ކުޅުނު ގޮތުގައި ހިފަހައްޓާ ނުފޫޒު ގަދަ މައިދައިތަ ކޮކީލާބެން މޯދީގެ ރޯލުންނެވެ. އަދި އެ ރޯލްވެގެން ދިޔައީ އިންޑިއާގެ ސިލްސިލާއަކުން ފެނުނު ކެރެކްޓާތަކުގެ ތެރެއިން ބެލުންތެރިން އެންމެ ގަޔާވި އެއް ކެރެކްޓާއަށެވެ.

އޭގެ އެއް ހެއްކަކީ ސިލްސިލާގައި ރޫޕަލް ކިޔާފައި ހުރި ބައެއް ޑައިލޮގްތައް ވެސް މި ފަހުން ރެޕަށް ހަދައިގެން ސޯޝަލް މީޑިއާގައި އާންމުކުރުމުން ވައިރަލްވުމެވެ.